ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަޖެޓް ތައްޔާރުކުރުމަށް އިބޫއަށް ހުށަހަޅައިފި

Sep 30, 2018

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ތައްޔާރުކުރުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އަރިހުގައި ފިނޭންސް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ގާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ގައިވާ ގޮތުގެ މަތިން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރީން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ގާނޫނީ އެ ޒިންމާ އަދާކުރުމުގެ ގޮތުން 2018 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިނިސްޓްރީ އާއި ދައުލަތުގެ މުއައްސަސާތަކުން ދަނީ 2019 ވަނަ އަހަރަށް އަންދާޒާ ކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ އޮކްޓޯބަރު 31 ގެ ނިޔަލަށް މަސައްކަތް ނިންމުމަށް މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އެހެންނަމަވެސް، 2019 ވަނަ އަހަރު ދިވެހި ދައުލަތް ހިންގަވާނީ އަލަށް އިންތިހާބުވި ސަރުކާރުން ކަމަށްވާތީ އާއި އެ
ސަރުކާރުން ދައުލަތުގެ ހިންގުމާއި ހަވާލުވާއިރު ބަޖެޓް ހުށަހެޅުމުގެ ސުންގަޑި ވާނީ ހަމަވެފަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ސަރުކާރުން ދެކޭގޮތުގައި އާ ސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަކީ މުހިއްމުކަމެއް ކަމަށެވެ. އެހެންކަމުން، 2019 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށްޓަކައި، ބަޖެޓުގައި ހިމަނުއްވަން ބޭނުންވާފުޅުވާ އިދާރީ ބަދަލުތަކާއި އާ ސިޔާސަތުތަކުގެ ތަފްސީލު ހިމެނޭހެން، 2019 ވަނަ އަހަރުގެ ބަޖެޓު، އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ތައްޔާރުކޮށްދެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެހެންމެ، މި ކަމުގައި މި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާ ކަމަށެވެ.