އަހުމަދު ނިހާން ހުސައިން މަނިކު

އެމްޑީޕީގެ ވައުދުތައް ބަޖެޓްގައި ހިމަނަން ތައްޔާރު: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވީ ވައުދުތައް ބަޖެޓްގައި ހިމަނަން ތައްޔާރަށް ތިބި ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށްޓަކައި، ބަޖެޓުގައި ހިމަނުއްވަން ބޭނުންވާފުޅުވާ އިދާރީ ބަދަލުތަކާއި އާ ސިޔާސަތުތަކުގެ ތަފްސީލު ހިމެނޭހެން ބަޖެޓް ތައްޔާރުކޮށްދިނުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އަރިހުން އެދިފަ އެވެ.

އެގޮތަށް އެދުނީ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އާ ސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަކީ މުހިއްމުކަމެއް ކަމަށް މި ސަރުކާރަށް ފެންނާތީ އެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި މުހިންމު ވައުދުތަކެއް ރައްޔިތުންނަށް އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން ވެފައިވާ ކަމަށެވެ. އެއީ މުހިންމު ކަންކަމަށްވާތީ އެ ވައުދުތައް ބަޖެޓްގައި ހިމަނަން ޕީޕީއެމް މެންބަރުން ތައްޔާރަށް ތިބި ކަމަށެވެ.

ނިހާން ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމާއި ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާއެއް ދިނުމާއި މަތީ ތައުލީމް ހިލޭ ދިނުމާއި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ފަދަ ވައުދުތައް އެމްޑީޕީއިން ވެފައިވާއިރު އެކަންކަން ފުއްދައިދެވޭނެ ގޮތްތައް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންނޫނަމަ އެފަދަ ވައުދުތަކެއް ނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެންބަރުންނަށް އިދިކޮޅު މެންބަރުންނަށް އެއްބާރުލުން ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އިރުޝާދު ދެއްވާފަ އެވެ.

ނިހާން ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފަ އެވެ. ނިހާން ވިދާޅުވީ ދަރަނިވެފައި އޮތް ބަޖެޓެއް ރައީސް ރަނގަޅު މިންވަރަކަށް ގެނެސްދީފައިވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ.