ދަރުމަވަންތަ ހޮސްޕިޓަލް

ކޮލަމް ފޮޅުވަތް - ޝައްކެއް ނެތް! 25 ބުރީގެ އިމާރާތަކީ ހީލަތެއް!

Nov 15, 2018
27

މާ އުހަށް އުފުލިފައި އެހެރަ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތަކީ ވެރިރަށް މާލޭގެ މިހާރުގެ މަލަ މައްޗެވެ. އެއީ މާލޭގައި މިހާރު ހުރި އެންމެ އުސް އިމާރާތެވެ. އެއީ މާލެ ރަމްޒްކޮށްދޭ އައިކޮނިކް ބިނާ އެވެ. މި ހުރިހާ ގޮތަކުން ނަމަ، އެ އިމާރާތަށް ހަމަ ޔަގީނަށް ވެސް ތައުރީފް ހައްގެވެ. ރައީސް އަބްދުﷲ ޔާމީންގެ ފޭނުންނަށް އެއީ، އެމަނިކުފާނު ދޫކުރައްވާ ތަރައްގީގެ ބޮޑު ތަރިކައެކެވެ. އެކަމަކު މި 25 ބުރީގެ އިމާރާތުގެ އަނދިރި ފަރާތުގެ ވާހަކަ އަދި މާބޮޑުވެފައި، ފުނެވެ. މި އިމާރާތުގެ ވާހަކަ އެހާ ތިލަކޮށް ދައްކައިގެން ފަރުޖެއްސޭކަށް ވެސް ނެތެވެ. އެ އިމާރާތް ބަޔަކަށް އެވޯޑް ކުރި ގޮތާއި އެ އިމާރާތުގެ އަގާއި އިމާރާތުގެ ސްޓްރަކްޗާ ނިމުމަށް ފަހު ކުރަން ޖެހިފައި އޮތް ބޮޑު ހަރަދުގެ ވާހަކަ ދައްކާ އަދި ކޮޅުންލާކަށް ނެތެވެ.

މައްސަލައިގެ ތެރެއަށް ފީނާއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ނޫނަސް ރާއްޖޭގައި ދުނިޔޭގެ ފެންވަރު ހޮސްޕިޓަލެއްގެ ޕްރޮޖެކްޓް ކާމިޔާބު ކަމާ އެކު ހިންގައި ނިންމައި އެތަނުން ހިދުމަތް ވެސް އެބަ ހޯދަ އެވެ. ރާއްޖޭގެ މަހުޖަނުންތަކެއް ގުޅިގެން ހުޅުމާލޭގައި ހެދި، ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި މިހާތަނަށް އަމިއްލަ ބަޔަކު ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އަދި އެއީ މިކަހަލަ މަޝްރޫއަކަށް ހުރި ފުރިހަމަ ރެޕްލިކާއެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ ޓަވަރާ މެދު ކުރެވޭ ތުހުމަތުތަކާ އެކު މި ދެ މަޝްރޫއު އަޅާކިޔުން ކޮންމެހެން ވެސް މުހިންމެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ހަދަނީ ރާއްޖޭގައި މި އޮތް 400،000 އެއްހާ މީހުންގެ އާބާދީއަށް ޓާގެޓްކޮށްގެންނެވެ. މީހުން ވިހާ މަރުވާ ރޭޓަށް ބަލާއިރު ކުރިއަށް މިއޮތް 10 ވަރަކަށް އަހަރުވެސް ރާއްޖޭގެ އާބާދީ މިލިއަނެއްހާ މީހުންނާ ގާތްވެސް ނުކުރެ އެވެ. ސުވާލަކީ މިވަރުގެ އާބާދީއަކަށް ހިދުމަތް ދޭން 25 ބުރީގެ ބޮޑު އިމާރާތެއް ބޮޑު އަގުގައި އަޅަން ޖެހޭ ހެއްޔެވެ؟

އެ ސުވާލު އުފައްދަން ޖާގަ ލިބެނީ، ދިވެހިންގެ އިތުރުން ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް ހިދުމަތް ދޭން އަމާޒު އޮވެގެން ދިރާސާތައް ހަދައި ގާއިމްކުރި ޓްރީޓޮޕް ހޮސްޕިޓަލްގެ މުޅި އިމާރާތާއި އެތަނުގެ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަނާއި ބަލިމީހުންގެ އެހީތެރިން ތިބޭނެ ފެންވަރު ރަނގަޅު އެކޮމޮޑޭޝަން އިމާރާތަކާ އެކު މުޅި ޕްރޮޖެކްޓް ނިންމަން ހަރަދުވީ، 110 މިލިއަން ޑޮލަރު، 1.6 ބިލިއަން ރުފިޔާ ކަމަށްވާތީ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް ދިފާއުކުރާ މީހުން ބުނާ ގޮތުގައި، ޓްރީޓޮޕަކީ 150 އެނދުގެ ހޮސްޕިޓަލެކެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލެކެވެ. އެހެން ވީމާ އެތަން އިމާރާތް ކުރުމާއި ތަކެތި ގަންނަން އަގު ބޮޑުވަނީ އެވެ. އެހެން ވީމާ، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކޮށްލަން އެކަނި ސްޓްރަކްޗާއަށް 1.2 ބިލިއަން ރުފިޔާ ދިޔައީ އެވެ. ކުރެހުމަށް އެކަނިވެސް 50 މިލިއަން ޑޮޮލަރު ހަރަދުވީ އެވެ.

އެކަމަކު ސުވާލަކީ އައްޑޫގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކޮށް، ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ފައްކާ ކުރުމުގެ މަސައްކަތް މި ސަރުކާރުން ބަޖެޓްކޮށް ކުރަމުން ދަނިކޮށް އަދި މާލެއާ ދުރު ބޮޑެތި ރަށްރަށުގައި އެންމެ ކުޑަމިނުން ސީޓީ ސްކޭނެއް ހަދާލެވޭހާ ވަރުނެތިގެން އުޅެނިކޮށް 500 އެނދުގެ ހޮސްޕިޓަލެއް އަޅަން 1.2 ބިލިއަން ރުފިޔާ ދުއްވާލުމަކީ ދައުލަތުގެ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރުން ހެއްޔެވެ؟ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް ކުރަމުން ދަނިކޮށް މާލެ ސަރަހައްދަށް 500 އެނދުގެ ހޮސްޕިޓަލެއް ބޭނުންވާނެ ހިސާބެއް ޖެހީ
ކޮން ވިސްނުމެއްގައި ހެއްޔެވެ؟ ސަރުކާރުގެ ވިސްނުން އޮތީ މާލެ ސަރަހައްދު ތޮއްޖައްސަން ކަމަށްވާތީ އެއީ އެ ވިސްނުމުގައި ކުރިކަމެއް ކަމަށް ވެދާނެ އެވެ. ދެން އެހެން ވިއްޔާ އައްޑޫގެ އީސީސީ އެ މިފުށް މިފުށަށް ޖަހައިގެން އެތަނުގައި ހޮސްޕިޓަލެއް ހެދުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟

މި ހުރިހާ ސުވާލުތަކެއް އެއް ފަރާތް ކުރާއިރު ދެން އޮތީ އެ ޕްރޮޖެކްޓްގެ ބޮޑު އަގުގެ ވާހަކަ އެވެ. އިއްޔެ ބަޖެޓް ކޮމިޓީގައި އޭޑީކޭގެ ވެރިޔާ، މެންބަރު އަހުމަދު ނާޝިދު، އޭޑީކޭ ނާޝިދު އޭނާގެ ތަޖުރިބާގެ މައްޗަށް ބުރަވެ ވިދާޅުވާ ގޮތުގައި ހޮސްޕިޓަލެއް ޖެހޭނީ ފްލޯ ސްޕޭސިން ބޮޑުވާންށެވެ. އެއީ ކޮންމެހެން އުސް އިމާރާތަކަށް ވާކަށް ނުވެސް ޖެހެ އެެވެ. އެހެން ނަމަވެސް، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތަކީ ހަނި ދިގު އިމާރާތެކެވެ. އެފަދަ އިމާރާތެއްގައި ހޮސްޕިޓަލެއް ހިންގުމުގެ ގޮންޖެހުން އޭނާ އިއްޔެ އެކި ފަހަރުމަތިން ފާހަގަ ކުރެއްވި އެވެ. އުސްއިމާރާތަކަށް ބަލި މީހުން މޫވް ކުރުމުގައި ހުންނާނެ ގޮންޖެހުންތައް އެއީ ކަންބޮޑުވުމެކެވެ. އެވަރުގެ އުސް އިމާރާތެއްގައި އެމަޖަންސީ ބަލި މީހުން ގެންދަން ހެލިޕެޑެއް ވެސް ހެދިފައެއް ނެތެވެ. އޭގެ ބަދަލުގައި މަތީގައި ހުންނަނީ ފެންވަރު ރަނގަޅު ރެސްޓޯރަންޓެކެވެ.

ސުވާލަކީ އެކަން ކުރީ އެ ސަރަހައްދުގައި ބިން ނެތިގެން ހެއްޔެވެ؟ އެ ސުވާލަށް ޖަވާބު ދޭއިރު އެ ސަރަހައްދުގައި މާ ޖާގަތަނަވަސްކޮޑށް އެއަށް ވުރެ ތިރިކޮށް ބޮޑު އިމާރާތެއް އެޅޭހާ ޖާގަ އަދިވެސް ހުސްކޮށް އޮތީ އެވެ. އެކަމަކު ސަރުކާރުން އެ އޮޕްޝަން ދޫކޮށްލާފައި ހޮސްޕިޓަލެއް ހިންގަން އެންމެ އެކަށޭނަ ނޫން ގޮތަކަށް 25 ބުރީގެ އިމާރާތެއް އަޅަން ޖެހޭ ބޭނުމެއް ނެތެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ މަޝްރޫއު ނިންމައި ހިދުމަތް ފަށަން ނެގީ ބަރާބަރު ދެ އަހަރެއްހާ ދުވަހެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުގައި 25 ބުރީގެ އިމާރާތެއް އަޅަން ފެށިތާ މިހާރުވެސް ތިން އަހަރާ ގާތްވެއްޖެ އެވެ. އައިޖީއެމްއެޗްގައި މިހާރު ހުރި އިމާރާތް ކުޑަވެ، ބާވުމުގެ ސަބަބުން ސިއްހީ ރަނގަޅު ހިދުމަތް ނުދެވިގެން އަޅާ ހޮސްޕިޓަލެއްގެ ބޭނުމަކަށް ވާނީ ރަނގަޅު ފެންވަރެއްގައި އަވަހަށް ނިންމައި ހިދުމަތް ފެށުން ނޫން ހެއްޔެވެ؟ އެކަމަކު ބޮޑު އިމާރާތެއް އަޅަން ހަދައިގެން އެތަނުގެ ހިދުމަތް ނުދެވި މި ދަނީ ދިގުލައިގެންނެވެ. މިހާރު ސަރުކާރުން ބުނަނީ އެ ހޮސްޕިޓަލުގައި ހިދުމަތް ދޭން ފެށޭނީ، އަންނަ އަހަރުގެ ފެބުރުއަރީ ހިސާބުގައި ކަމަށެވެ.

ބޭރުގެ އެކި މާލީ އިދާރާތަކަށް ސޮވަރިން ބޮންޑް ވިއްކާ ދައުލަތް ދަރަނި ކޮށްލައިގެން މިވަރުގެ ބޮޑު އިމާރާތެއް އަޅަން ޖެހުނީ، މިއަށް ވުރެ ރަނގަޅަށް އެ މަސައްކަތް ކުރެވެން އޮއްވަ އެވެ. އެ ސަރަހައްދުގެ ބިމުގެ ބޭނުން ރަނގަޅު ގޮތުގައި ކޮށްގެން އެތަނުގައި މާ ޖާގަ ތަނަވަސް ހޮސްޕިޓަލެއް ހެޔޮ އަގުގައި އިމާރާތް ކުރެވެން އޮތެވެ. އެކަން ކޮށްދޭން މިހާރު 25 ބުރީގެ އިމާރާތް ހެދި ކުންފުނިން ވެސް ލަފާދިން ކަމަށްވެ އެވެ. އަދި މާ ކުޑަ އަގުތަކުގައި އެކަން ކޮށްދޭން އެތައް ބަޔަކު ހުށަހެޅި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ބޮލާލާ ޖަހައި އަގު ބޮޑު އިމާރާތެއް ހަދަން ސަރުކާރުން ނިންމީ ކޮން ވިސްނުމެއްގައި ހެއްޔެވެ؟ އަދި އެކަމަށް ނަގާ މުއްދަތު ވެސް ކުރު ކުރެވޭނެ އެވެ. އެކަމަކު ސަރުކާރުން ބުނީ ހޮސްޕިޓަލްގެ އަގު ބޮޑުވާން ދިމާވި އެއް ސަބަބަކަށް އެ އިމާރާތް ނިންމަން ނަގާ މުއްދަތު ކުޑަވުން ހިމެނެ އެވެ. އެކަމަކު އެ މަގުސަދު ހާލިސްވެއްޖެ ހެއްޔެވެ؟

އެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ ހަރަދުގެ ބޭރުން 900 މިލިއަނެއްހާ ރުފިޔާ އެ ހޮސްޕިޓަލަށް ހަމައެކަނި ތަކެތި ގަންނަން ވެސް މި އޮތީ ހަރަދު ކުރަން ޖެހިފަ އެވެ. އިއްޔެ ބަޖެޓް ކޮމިޓީގައި، ވާހަކަ ދައްކަވަމުން އޭޑީކޭ ނާޝިދު ވިދާޅުވި ގޮތުގައި އެތަނަށް އިކުއިޕްމަންޓް ގަންނަން ތުރުކީގެ ކުންފުންޏަކާ ހަވާލުކުރީ ބިޑަށް ވެސް ނުގޮހެވެ. އޭނާ ޗެލެންޖް ކުރައްވާ ވިދާޅުވި ގޮތުގައި ބީލަމަކަށް ގޮސްގެން އެތަނަށް ތަކެތި ގަންނަން މާ އަގުހެޔޮވާނެ އެވެ. އަދި އެތަނަށް ގަންނަ ބައެއް ތަކެތީގައި ކެންސަރަށް ފަރުވާ ކުރެވޭނެ އިކިއުޕްމަންޓްތައް ނުހިމެނޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެ އެއްޗިހި ލައިގެން ވެސް މިހާރު ހުރި އަގަށްވުރެ ކުޑަކޮށް އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހޮސްޕިޓަލް ހުޅުވުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ވެސް އިކުއިޕްމަންޓްތައް ރޭވިފައިވާ މުއްދަތަށް ނުލިބުން ވެސް ހިމެނެ އެވެ. ސުވާލަކީ ވަކި ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރަނީ އަވަސް ކުރަން ކަމަށް ބުނާ އިރު އެކަން ލަސްވެގެން ދަނީ ކީއްވެ ހެއްޔެވެ؟

ހޮސްޕިޓަލް ހުޅުވުމަށް ފަހު ވެސް، ދައުލަތަށް އޮތް ބުރަ ބޮޑެވެ. އެތަނުގެ ލިފްޓްތައް މެއިންޓެއިން ކުރުމާއި އިމާރާތުގެ މަރާމާތާއި ބެލެހެއްޓުމަށް ދާނެ ހަރަދު އަދި އަންދާޒާ ވެސް ކުރެވިފައި ނެތެވެ. އެހެން ވެއްޖިއްޔާ މިއީ ދައުލަތުގެ ބޮލުގައި އެޅެން އޮތް ބުރައެކެވެ. އެކަމަކު ސުވާލަކީ މިއަށް ވުރެ ކުޑަބުރައެއް އެޅިގެން މިއަށް ވުރެ މާ ފެންވަރުގެ ހިދުމަތް ދެވޭނެ ހޮސްޕިޓަލް އިމާރާތެއް ހެދެން އޮއްވާ ބޮޑު ބުރައެއް ބޮލުގައި އެޅީ މި ޑީލުން ބައެއްގެ ޖީބު ތަނަވަސްވާތީ ހެއްޔެވެ؟

ހެޔޮނުވާނެ އެވެ! ރައްޔިތުންގެ ތަކުލީފަކަށް ފަރުވާއެއް ހޯދައިދިނުމުގެ ނަމުގައި ދެ ބިލިއަން ރުފިޔާ ހަމައެކަނި ރައްޔިތުންގެ ލޮލަށް ދަޅައެއް ދައްކާލުމަށް ހަރަދު ކުރުމުން ލިބެން އޮތް މަންފާއަށް ވުރެ، ދައުލަތުގެ ތެރެއިން ފޭދިގެން ދިޔަ ފައިސާތައް އެތައް ގުނައެއް ބޮޑެވެ. މިއީ އަޅެ، ނުބައި ހީލަތްތެރި ރޭވުމެއް ނޫން ހެއްޔެވެ؟