ދުނިޔެ

ފަހު ވަގުތު އެމެރިކާ، ކެނެޑާ އާ ވިޔަފާރީގެ އެއްބަސްވުމަކަށް

Oct 1, 2018

ވޮޝިންގްޓަން (އޮކްޓޯބަރު 1) - މީގެ 25 އަހަރު ކުރިން ތިން ގައުމެއް ހިމެނޭގޮތަށް ސޮއި ކުރެވިފައިވާ ނޯތު އެމެރިކާ ފްރީ ޓްރޭޑް އެގްރީމަންޓް (ނަފްޓާ) އަލުން މުރާޖައާކޮށް، އެންމެ ފަހު ވަގުތު އެމެރިކާ އާއި ކެނެޑާ އާ އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ދެގައުމުން ބުނެފި އެވެ.

މިދިޔަ އޯގަސްޓް މަހު، އެމެރިކާއިން އަވަށްޓެރި މެކްސިކޯ އާއެކު ވިޔަފާރީގެ އާ އެއްބަސްވުމަކަށް އާދެވިފައި ވީނަމަވެސް، ކެނެޑާ އާއެކު ކުރެވުނު މަޝްވަރާތައް އޭރު އޮތީ މަޑުޖެހިފަ އެވެ.

ނަފްޓާ އެއްބަސްވުން ކެނެޑާ ނުހިމަނައި އެކުލަވާލާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެ، ކެނެޑާއަށް ވަނީ އިއްޔެގެ ނިޔަލަށް މުހުލަތެއްދީފަ އެވެ.

ނަފްޓާ އެއްބަސްވުމުގެ ދަށުން، ތިން ގައުމުގެ މެދުގައި އަހަރަކު އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވެ އެވެ. މެކްސިކޯ އާއެކު ކުރެވުނު މަޝްވަރާތަކުގައި، ޑިއުޓީ މައާފު ކުރެވޭނީ އެ ގައުމެއްގައި މުދަލެއްގެ 75 ޕަސަންޓް އެ ގައުމުގައި އުފައްދާނަމަ އެވެ.

ކެނެޑާ އާއެކު ވެވުނު އެއްބަސްވުމުގެ މާބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް، އެގައުމުން އެކެރިކާއަށް އެކްސްޕޯޓު ކުރާ ކިރުގެ ބާވަތްތަކުން ލުއިތަކެއް ދީފައިވާކަމަށް ބެލެވެ އެވެ.

އެމެރިކާއިން ބުނީ، 21 ގަރުނުގެ ވިޔަފާރީގެ އެއްބަސްވުމަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ އާ އެއްބަސްވުމުގެ ދަށުން އެ ގައުމުގެ ދަނޑުވެރިންނަށާއި، ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ.