މިދިޔަ މަހު ހުޅުވަން އެފްއޭއެމުން ޓާގެޓް ކުރި ގައުމީ ފުޓްބޯޅަ އެކެޑެމީގެ މަސައްކަތް މިދިޔަ މަހަށް ނުނިމުމުން، ނޮވެމްބަރު މަހު ހުޅުވަން އެފްއޭއެމުން އަލުން ތާވަލު ކޮށްފި އެވެ.
ޖުލައި މަހު އެއް ވަނަ ދުވަހު އެފްއޭއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ފުޓްބޯޅަ އެކެޑެމީ ސެޕްޓެމްބަރު މަހު ހުޅުވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ސެޕްޓެމްބަރު މަސް ތެރޭ އެކެޑެމީ ހުޅުވިގެން ދާނެ،" ބައްސާމް އޭރު ވިދާޅުވެފައި ވެއެވެ.
ނަމަވެސް ސެޕްޓެމްބަރު މަހަށް ފުޓުބޯޅަ އެކެޑެމީގެ މަސައްކަތް ނިމިގެން ނުދިޔަ އެވެ. ފުޓްބޯޅަ އެކެޑެމީ މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނޭނީ ޓާފް ދަނޑަކާއި އެކޮމެޑޭޝަން ބްލޮކެއްގެ އިތުރުން އިދާރީ އޮފީހެކެވެ. އެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
"މިހާރުވެސް އިމާރާތް ކުރުމުގެ މަސައްކަތް އެ ދަނީ ކުރިއަށް، އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ ނޮވެމްބަރު މަހު ހިދުމަތް ފެށުން،" އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ.
ފުޓްބޯޅަ އެކެޑެމީގެ ގާއިމު ކުރާނީ 100 ކުދިންނަށް ތަމްރީން ފޯރުކޮށްދެވޭ ގޮތަށެވެ. އެކެޑެމީ ކުރިއަށް ގެންދާނީ ބޯޑިން ކޮލެޖެއް ހިންގާ ގޮތަށް ކުދިންނަށް އެތަނުގައި ދިރިއުޅެވޭނެ ގޮތަށެވެ.
"ކޮލެޖެއްގެ ބޯޑިން ހުންނަ ކަހަލަ ގޮތަކަށް މި އެކެޑެމީ ހިންގާނީ، ފުޓްބޯޅަ އާއި ކިޔެވުމާ އެކީގައި ކުދިން އައިސް ތިބޭ ގޮތަށް،" ބައްސާމް ވިދާޅުވެފައިވެ އެވެ.
"އެކެޑެމީގައި އެ ކުދިން އެއް އަހަރުން އަނެއް އަހަރަށް ލެވަލްތައް މައްޗަށް ދާގޮތަށް ރާވާފަ ވާނީ، އަދި ހަމަ އެއާއެކީގައި ފުޓްބޯޅަ ކުޅުމުގެ ހުނަރު ވެސް ޑިވެލޮޕް ވަމުން ދާން ވާނެ."
އެކެޑެމީއަށް ކުދިން ގެންނާނީ އަތޮޅު ތެރެއިންނެވެ. އެކެޑެމީ ފަށާނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ. އެކެޑެމީއަށް ކުދިން ހޯދާއިރު ތިން މިންގަނޑެއް އެފްއޭއެމް ވަނީ އެކުލަވާލާފަ އެވެ.
"އަޅުގަނޑުމެން އެބަބަލަން ކުދިންގެ އިސްކޮޅަށް، ކުދިންގެ ބަރުދަނަށް، ދެން ސިއްހީ ގޮތުން ރަނގަޅު ކުއްޖެއްތޯ ވެސް ބަލާނަން، އަދި ކިޔެވުމަށް މޮޅު ކުދިންނަށް އިސްކަން ދޭނަން." އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ 'ސާންތީ' ބުންޏެވެ. "13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވާއިރުގައި އެއީ ސްކޫލްގައި ކިޔަވަމުންދާ ކުދިން، އަތޮޅުތަކުން ހޮވޭ ކުޅުންތެރިން މާލެ ގެނެސް މާލޭގައި ސްކްރީން ކުރުމަށްފަހު އެ ހޮވޭ ކުއްޖަކު އެކެޑެމީއަށް ގެނައުމަށް ބެލެނިވެރިޔާއާއެކު އެއްބަސްވުމެއް ހެދުމަށް ފަހު އެކެޑެމީގެ ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރި ކުރާނީ."
އެފްއޭއެމުން ބުނީ، އެކެޑެމީއަށް ގެންނަ ކުދިންގެ ކިޔެވުމުގެ ކަންކަން ހުޅުމާލޭ ސްކޫލް ތަކުން ހަމަޖެހިގެންދާނެ ގޮތަށް ސްކޫލްތަކާއެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.