ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ ހުވާ ކުރެއްވުމުގެ ހަފުލާ އާންމުކޮށް ހުޅުވާލަނީ

Oct 1, 2018
2

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ހުވާ ކުރެއްވުން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އިބޫ ބޭނުންފުޅުވާ ކަމަށާއި އެގޮތަށް ނިންމީ އެހެންވެ ކަމަށެވެ.

ވީހާވެސް ގިނަ ރައްޔިތުންނަށް ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށް މިހާރު މަސައްކަތްތައް ކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިބޫ ސަރުކާރު ހިންގަވަން ބޭނުން ވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނާ ގާތުން ކަމަށާއި ރައްޔިތުންގެ ރައީސް ހުވާ ކުރައްވާއިރު އެކަމުގެ އުފަލުގައި ރައްޔިތުން ބައިވެރިވެވޭނެ ގޮތްވާން ޖެހޭނެ ކަމަަށް އިބޫ ގަބޫލު ކުރައްވާ ކަމަށެވެ.

އިބޫ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އިބޫއަށް ވެރިކަން ހަވާލުކުރުމުގެ މަރުހަލާ މިހާރު ވަނީ ފަށާފަ އެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ބޭރު ގައުމުގެ ވެރިންނާއި އިއްޒަތްތެރިންނަށް ވަނީ ދައުވަތު ދެއްވާފަ އެވެ.