ހަބަރު

ރައީސް ޔާމީން މިހާރު ދިމާކޮށްފައި ވަނީ ރައްޔިތުންނާ ތޮޅެން: އަމީން

މިއަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ކާމިޔާބު ކުރެއްވި ނަމަވެސް ގައުމު އަމާންނުވާ ކަމަށާއި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބަލި ގަބޫލު ނުކުރައްވާ ކަމަށް ޖޭޕީގެ ކުރީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަމީން މިގޮތަށް ވިދާޅުވީ، ވޯޓްގެ ނަތީޖާ ގަބޫލުނުކުރާ ކަމަށްބުނެ ވޯޓްގެ ކަންކަން އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމްގެ ސަޕޯޓަރުން މާލޭގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރުމަށް އެ ޕާޓީގެ އިސްވެރިން ގޮވާލަމުންދާތީ އެވެ.

އަމީން ވިދާޅުވީ، އިއްތިހާދުން ކިތަންމެ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރިނަމަވެސް ގައުމު އަމާންވެއްޖެ ކަމުގެ ހިތްހަމަ ޖެހުން އަދި ނުލިބޭ ކަމަށެވެ. އެކި ދިމަ ދިމާލުން އަންނަނީ ރައީސް ޔާމީން ބަލި ގަބޫލުނުކޮށް ރަށުތެރެ ހަލަބޮލި ކުރަން ޖަރީމާތައް ހިންގަން އުޅޭ ކަމުގެ ކޯލް ތައް ކަމަށެވެ. ރައީސް ޔާމީން ރައްޔިތުންނާއި ތޮޅެން ނޫޅުމަށް އަމީން ވަނީ ގޮވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް އޭނާގެ ރަހުމަތްތެރިޔަކާ އެކު ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ޕީޕީއެމްގެ އިސްވެރިން މިރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ. އަދި މިއަދު ދެ ފަހަރެއްގެ މަތިން ޕީޕީއެމްގެ އެކި މަޖިލިސް މެންބަރުން ޕްރެސްއެއް ދެއްވައި އީސީގެ ވެރިންގެ މައްޗަށް އެކި ތުހުމަތުތައް ކުރެއްވި އެވެ. އެ އޯޑިއޯ އާންމުވީ ވެސް އެއަށް ފަހު އެވެ.

ވޯޓްގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެ، ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުތުމަށް އަޑުއުފުލަމުން ދަނީ މިރޭ 9:00 އަށް ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ކުރިމައްޗަށް އެއްވުމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން މީގެ ކުރިން ތަކުރާރުކޮށް އެކި ފަހަރު ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރާ ކަމަށާއި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕީޕީއެމް އިން މިރޭ އެއްވުމަށް ނިންމާފައިވާއިރު މިއަދު ވަނީ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ތެރެއިން ޕޮލިސް ކޮމިޝަނަރަކަށް، އޭސީޕީ ހަމްދޫން ރަޝީީދު ރައީސް އައްޔަން ކޮށްފަ އެވެ.