ހަބަރު

އިބޫ، ފާރިސްއާ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ބައްދަލު ކުރައްވައިފި އެވެ.

އިބޫ، ފާރިސްއާ ބައްދަލު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އިބޫ، ފާރިސްއާ ބައްދަލުކުރައްވާފައިވަނީ ސޯލްޓް ކެފޭގައި ހުންނަ އެމަނިކުފާނުގެ މައި ކެމްޕެއިން އޮފީހުގަ އެވެ.

އިބޫ، ފާރިސްއާ ބައްދަލުކޮށްފައިވާއިރު، އޭނާ ކަފާލަތުގެ ދަށުން މިނިވަން ކޮށްފައިވަނީ އިއްޔެ އެވެ. މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމާލެއްވުމަށްފަހު ނިކުމެވަޑައިގެން ފާރިސް ވަނީ އިބޫއާވެސް ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިއްޖެނަމަ ވަރަށް އަވަހަށް ބައްދަލު ކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފާރިސްގެ ދެ މައްސަލައެއްގެ އަޑުއެހުމެއްވެސް މިއަދު ވަނީ ބާއްވާފަ އެވެ. އެގޮތުން ބަންދުގައި ބެހެއްޓުމުގެ ކޯޓު އަމުރުގެ މައްސަލަ އާއި ޝަހުސު އޮޅުވާލުމުގެ ދައުވާގައި ފާރިސްގެ މައްޗަށް ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މައްސަލައިގެ އަޑުއެހުމެވެ. އެ ދެ މައްސަލައިގެ އަޑު އެހުންތައް މިހާރު ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ޝަރީއަތްތަތުގައި ވިދާޅުވެފަ އެވެ.