ވިޔަފާރި

ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓުގެ ޕްރޮމޯޝަނެއް

ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ތައާރަފް ކުރި ފުރަތަމަ ބޭންކް އެކައުންޓްކަމަށްވާ ބީއެމްއެލް ކިޑްސް ސޭވަ އެކައުންޓުގެ ޕްރޮމޯޝަން ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިމަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެކައުންޓް ހުޅުވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި މާސްޓަ ކާޑު ގެ ޕްރިޕެއިޑް ކާޑަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް މިވަނީ ހުޅުވާލެވިފަ އެވެ. މި ކާޑަކީ ބޭނުން އަދަދެއް އެކާޑަށް ޖަމާކުރެވޭނެ ކާޑެކެވެ. މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިޑްސް ސޭވާ އެކައުންޓް ނިސްބަތްވާ ކުއްޖާގެ ނަމުގައެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އުމުރުން އަށާރަ އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ވެސް ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓާއެކު މި ކާޑު ލިބިގެންދާނެ އެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު ތިން ފަރާތަކަށް 5،000 ރުފިޔާވެސް ލިބިގެން ދާނެއެވެ.
ކިޑްސް ސޭވާ އެކައުންޓް އޮޕަރޭޓްކުރެވޭނީ އެ ކުއްޖެއްގެ މަންމަ ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ. މި އެކައުންޓް ދިވެހި ރުފިޔާ އާއި ޑޮލަރުން ވެސް ހުޅުވޭއިރު އެކައުންޓްގައި ބަހައްޓަންޖެހޭ އެންމެ ދަށް އަދަދަކީ 100 ރުފިޔާ އަދި 10 ޑޮލަރެވެ. ކިޑްސް ސޭވާ އެކައުންޓް އޮޕްރޭޓްކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ގޮތަށް ޖަމާކުރާއިރު އެއް ވެސް ޗާޖެއް ނުނަގާނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ކިޑްސް ސޭވަރ އެކައުންޓް ފަރުމާކުރެވިފައިވަނީ ދިގުމުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭ ގޮތަށެވެ. މި ގޮތުން މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތަޢުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާލޯނުގެ އިކުއިޓީ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ހަރަދެއްކުރުމަށްޓަކައި މި އެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާ އަށް ލިބޭނެއެވެ. ކިޑްސް ސޭވާ އެކައުންޓް ހުޅުވުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އަށް ގުޅާލުމުން އެޕޮއިންޓްމަންޓް ހަމަޖެހިގެންދާނެއެވެ.