ހަބަރު

އިބޫ ރައީސް ޔާމީނަށް: ގައުމު ހަލަބޮލި ނުކުރައްވާ

އިންތިހާބުގެ ނަތީއްޖާ ބަލައިގަނެ ބަލި ގަބޫލު ކުރިކަން އިއުލާން ކުރުމަށްފަހު މިހާރު ފެންނަމުން މިދަނީ ރައީސް އަބުދުﷲ ޔާމީންގެ ހިޔާލު ބަދަލުވަމުންދާތަން ކަމަށާއި ގައުމު ހަލަބޮލި ކުރަން ރައީސް ޔާމީންއަށް ފުރުސަތު ނުދެއްވާނެ ކަމަށް ރިޔަސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އަބުދުލްގައްޔޫމާއި، އެމަނިކުފާނުގެ އޮފީހުގައި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ އިބޫ ވިދާޅުވީ، އިންތިހާބުން ބަލިވެވަޑައިގަތް ރައީސް އަބުދުﷲ ޔާމީން ވަނީ އެކަން ގަބޫލު ކުރައްވާފައި ކަމަށާއި، އަދި އިދިކޮޅު ފަރާތުގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ.

"އެހެން ނަމަވެސް، އަނެއްކާ އިއްޔެ އެމަނިކުފާނުގެ ހިޔާލު ބަދަލުވެގެންދާތަން މި ފެނުނީ. އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކުގައި، ރައީސް ޔާމީނަށް މިއަދު ދަންނަވާލަން ބޭނުން ވަނީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން، މާހައުލު ހަލަބޮލި ކުރުމަށް މަސައްކަތް ނުކުރަައްވާށޭ. އެއަކަށް އަޅުގަނޑުމެންނެއް އަދި ރައްޔިތުންވެސް ތިބީ ތަންދޭކަށެއް ނޫނޭ" އިިބޫ ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ނިންމުން އެ ރައްޔިތުން ނިންމައިފި ކަމަށާއި، ރައްޔިތުން ތިބީ އެ ނިންމުމާއެކު ކުރިޔަށް ދާން ކަމަށެވެ. އެހެން ކަމުން ސިފައިންނާއި ފުލުހުންވެސް ރައްޔިތުންގެ ނިންމުން ދަމަހައްޓަން ޖެހޭ ކަމަށާއި، އިންތިހާބުވެފައި ހުރި ރައީސެއްގެ ހައިސިއްޔަތުން، ހުރިހާ ފަރާތްތަކަށްވެސް އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަށް ގޮވާލާ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފަ އެވެ.

އިބޫ ވަނީ މިއަދު ރައީސް މައުމޫނާއެކު ބޭއްވި ބައްދަލުވުމަށްފަހު ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އިންތިހާބު ކާމިޔާބު ވުމުގައި ރައީސް މައުމޫންގެ ދައުރު ބޮޮޑުކަން ފާހަގަ ކުރައްވާ، ނުހައްގު އަނިޔާއެއްގައި ޖަލުގައި ހުންނަވައިގެންވެސް އިބޫއަށް ކެމްޕެއިން ކޮށްދިނުމަށް ރައީސް މައުމޫނާއި، ރައީސް މައުމޫންގެ ޓީމުން ކުރި މަސައްކަތަށް އިބޫ ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.