ހަބަރު

މާކުރަތުން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ

ރ މާކުރަތުގެ އިންޖީނުގޭގައި ހުރި ތިން ޖެނަރޭޓަރަށް މައްސަލަޖެހި، އިރު އިރުކޮޅާ ރަށުން ކަރަންޓު ދާތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ތޭރަ ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މާކުރަތަށް ކަރަންޓު ދިނުމަށް އެރަށު އިންޖީނުގޭގައި 160 ވޮޓުގެ އެއް ޖެނަރޭޓަރާއި 180 ވޮޓުގެ ދެ ޖެނަރޭޓަރު ބަހައްޓާފައިވެ އެވެ. ނަމަވެސް ޖެނަރޭޓަރުތަކަށް މައްސަލަ ޖެހި އިރު އިރުކޮޅާ ރަށުން ކަރަންޓު ދާތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

"އަވަސް"އަށް މައުލޫމާތުދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް، ހަސަން އަލީ ވިދާޅުވީ، ރަށުން ކަރަންޓު ކެނޑޭތީ އާންމު ބޭނުންތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި އޮފީސްތަކުގެ އިދާރީ މަސައްކަތްތައް ވެސް އޮތީ ގާތްގަނޑަކަށް ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައަށް ގުޅިނަމަވެސް އެދެވޭ ހައްލެއް އަދިވެސް ހޯދައިދީފައި ނުވާ ކަމަށެވެ.

"ގަޑިއެއްގެ ތެރޭގައި ވެސް ކަރަންޓު އެބަދޭ ދެތިން ފަހަރަށް. އައިސްފަ ގޮސްފަ ކަހަލަ ގޮތަކަށް މި ހަފްތާ އެއްކޮށް މި ދަނީ. އެގޮތަށް ކަރަންޓު ދާތީ މުދަލަށް ވެސް ގެއްލުންވާ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި މާކުރަތަށް ކަރަންޓު ދޭން ބޭނުންކުރާ ޖެނަރޭޓަރުތަކަކީ ދުވަސް ވެފައިވާ ޖެނަރޭޓަރުތަކެކެވެ. އެ އިންޖީނުތައް މަރާމާތު ކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަމުންދިޔަ ނަމަވެސް އަދިވެސް ރަށުގެ ކަރަންޓުގެ ހާލަތަށް ބަދަލެއް ނާދެ އެވެ.

ރަށްރަށަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން މިދިޔަ މަހު ސަރުކާރުން ވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުން 34 ޖެނަރޭޓަރު މާލެ ގެނެސް އެތަކެތި އިފްތިތާހުވެސް ކޮށްފަ އެވެ. ފަސްޓް ލޭޑި ފާތިމަތު އިބްރާހިމް އިފްތިތާހުކޮށްދެއްވި އެ ޖެނަރޭޓަރުތައް ރަށްރަށަށް ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ރަސްމިއްޔާތުގައި ސަރުކާރުން ބުނެފައިވީ ނަމަވެސް އެ މަސައްކަތް ކުރިއަސް ގެންދާ ގޮތުގެ މައުލޫމާތެއް ސަރުކާރުން އޭގެ ފަހުން ހާމައެއް ނުކުރެ އެވެ.