މަޑަވެއްޔާއި ހޯނޑެއްދުއާ ދެމެދު ގުޅާލަން ސަރުކާރުން ތަރައްގީކުރަމުންދާ ކޯޒްވޭއާ ރައްޔިތުން ނުކުމެ ކަނޑާލީ ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި ރަށުތެރެއަށް ލޮނު އަރާ ފެންބޮޑުވެ ގެއްލުންތައް ވަމުން ދާތީ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފި އެވެ.
އެ މައްސަލަ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސިފަކުރެއްވީ ސިޔާސީ ކުލަ ޖެހިފައިވާ ނުރައްކާތެރި ލެވެލެއްގެ އަމަލެއްގެ ގޮތުގަ އެވެ. ނިހާން ވިދާޅުވި ގޮތުގައި ކޯޒްވޭ އޮންނަ ދިމާލުން ރަށުތެރެއަށް ލޮނުގަނޑު އަރާތީ ކަމަށް ބުނެ ރައްޔިތުން ދެއްކީ ބަހަނާއެވެ. ގަސްތުގައި ސަރުކާރުން ބޮޑު އަގުގައި ހަދާފައިވާ އިންފްރާސްޓްރަކްޗާ އެއް ހަލާކުކޮށްލީ އެއްވެސް އުސޫލެއް ނެތި ކަމަށް އެނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ނިހާންގެ ވާހަކަފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ވަނީ އެ ސަރަހައްދު ކޮނުމުގެ ކުރިން އެތަން އޮތް ގޮތް ފެންނަ ވީޑިއޯ އެއް އާންމުކޮށްކޮށްފަ އެވެ. އިލްހާމް މުހައްމަދު ވަހީދު ނަމަކަށް ކިޔާ މީހަކު އޭނާގެ ޓުވިޓަރުގައި އާންކުކުރި އެ ވީޑިއޯ އިން ފެންނަ ގޮތުގައި މޫދުގެ ލޮނުގަނޑު ބޮޑުވުމުން ދެ ރަށުގެ ދެމެދުގައި އަޅާފައިވާ ކޯޒްވޭ އޮންނަނީ ފެނުގެ އަޑީގަ އެވެ. އަދި ކޯޒްވޭ މަތިން ލޮނުގަނޑު ބޮޑުވެ ރަށުގެ ހޭޅިއާ ހަމައަށް ލޮނުގަނޑު ދެމިގެންދެ އެވެ.
މަޑަވެލި ހޯނޑެއްދޫ ދާއިރާގެ މަޖިލިސް މެންބަރާއި، ނިހާން އަދި އަދުރޭ ވެސް ޓެގްކޮށް އަޕްލޯޑް ކޮށްފައިވާ އެ ވީޑިއޯގެ ކެޕްޝަންއަކަށް އޭނާ ލިޔެފައިވެ އެވެ.
"މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ކަނޑަން ދިމާވި ސަބަބާހެދި ނޫސް ކޮންފަރެންސް ބޭއްވިޔަކަސް ވާނުވާ ބަލަންޖެހޭ. އެމްޑީޕީ ސަރުކާރުން ހެދި އީއައިއޭ އަށް ގޮންޖަހާ ހެދީމަ ވާނީ މިހެން،" ޓުވީޓުގައި ލިޔެފައިވެ އެވެ.
ހޯނޑެއްދޫގެ ރައްޔިތު ބަޔަކު ނިކުމެ މިހާރުވެސް މަސައްކަތް ކުރިއަށްދާ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ކަނޑާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެތަން ކޮންނަންޖެހުނީ ކޯޒްވޭ މަތިން، ރަށުގެ ތެރެއަށް ލޮނުގަނޑު އަރައި، ރަށަށް ގިނަ ގެއްލުންތަކެއް ވަމުންދާތީ އެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެ ސަރަހަށްދުން ރަށުތެރެއަށް ލޮނުގަނޑު އަރައި ގިނަ ގެއްލުންތަކެއް ވެފައިވާކަމަށް ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ކޯޒްވޭ ކަނޑާލީ މީގެ ކުރިން ވެސް އެތަނުން ލޮނުގަނޑު އަރައިގެން ރަށުތެރެއަށް އަރައި ދަނޑުތަކަށް ގެއްލުންވުން ފަދަ ހާދިސާއެއް ދިމާވެ، އެކަން ސަރުކާރު މުއައްސަސާތަކަށް އެންގުމުން އެކަށޭނަ ޖަވާބެއް ނުލިބިގެންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ހަދާފައިވާ ތަނެކެވެ.
ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށީ 2016 ވަނަ އަހަރު އެވެ. އެއީ ސަރުކާރު ބަޖެޓުން 29 މިލިއަން ރުފިޔާއަށް ފެށި މަސައްކަތެކެވެ. މަޑަވެއްޔާއި ހޯނޑެއްދޫ ދެމެދުގައި އޮތް ކުޑަ ރަށަކާވެސް ގުޅާލައިގެން ހިއްކާ އެ ކޯޒްވޭގެ ދިގުމިނަކީ 440 މީޓަރެވެ.