ހަބަރު

މޯދީގެ ފޯން ކޯލެއް ރައީސް މައުމޫންއަށް

ކަފާލާތުގެ ދަށުން ޖަލު ބަންދުން މިނިވަންކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިއާގެ ބޮޑު ވަޒީރު ރައީސް މައުމޫންއަށް ގުޅުއްވިކަން ހާމަކުރެއްވީ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ މޯދީ ބެހެއްޓެވި ގާތް ކަމާއި ދެއްކެވި ވާހަކަފުޅަށް ޝުކުރުވެރިވާ ކަމަށެވެ.

ރާއްޖޭއަށް މޯދީ ދެއްވާ އެއްބާރުލުމަށް ވެސް ޝުކުރު ދަންނަވާ ކަމަށް މޯދީ ޓެގް ކުރައްވައި ޓްވީޓާގައި ރައީސް މައުމޫން ވިދާޅުވި އެވެ.

މޯދީ ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވެސް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިބޫއަށް އިންޑިއާއަށް ވަޑައިގެންނެވުމަށް މޯދީ ވަނީ ދައުވަތު އަރުވާފަ އެވެ. އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަތުމަށް އިބޫ ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހުނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް މޯދީއަށް އެކި ފަހަރު މަތިން ދައުވަތު ދެއްވި އެވެ. ނަމަވެސް، ސަރަހައްދުގެ އެހެން ހުރިހާ ގައުމަކަށް ވަޑައިގެންނެވިއިރު ވެސް މޯދީ ރާއްޖެ ވަޑައިނުގަންނަވަ އެވެ.

ރައީސް ޔާމީން، ޗައިނާއާ މާބޮޑަށް ގުޅުން ބަދަހިކޮށްފައިވުމަކީ އިންޑިއާ ރުހޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަށް ވަނީ ބުރޫ އަރާފަ އެވެ.