ލައިފްސްޓައިލް

ގެއްލުނު ޗައިނާގެ އެކްޓްރެސް ޖޫރިމަނާކޮށްފި

ގެއްލިފައިވާ ޗައިނާގެ މަޝްހޫރު އެކްޓްރެސް ފޭން ބިންގްބިންގް 70 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ފޭން ޖޫރިމަނާކޮށްފައި ވަނީ ޗައިނާގެ ޓެކްސްއާ ބެހޭ އިދާރާ އިންނެވެ. އެ އިދާރާއިން ބުނީ ފޭން ވަނީ އޭނާއަށް ލިބޭ އާމްދަނީ އޮޅުވާލައި ޓެކްސް ނުދައްކާއި މަކަރުހަދާފައި ކަމަށެވެ.

މީގެ ތިން މަސްކުރިން ވީނުވީއެއް ނޭނގި ފޭން ވަނީ ގެއްލިފައި އެވެ. އޭނާގެ ގެއްލުނީ ޗައިނާގެ ފިލްމީ ތަރިން އެމީހުނަށް ލިބޭ މުސާރަ އޮޅުވާލައި ޓެކްސް ދެއްކުމަށް މަކަރު ހަދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އަދި އެފަދަ ތުހުމަތެއް އޭނާގެ މައްޗަށްވެސް އައިސްފައި ވަނިކޮށެވެ.

ޗައިނާގެ ފިލްމު އިންޑަސްޓްރީގެ އިތުރުން ދުނިޔޭގައި އެންމެ ބޮޑު މުސާރައެއް ލިބޭ ފިލްމީ ތަރިންގެ ލިސްޓުގައިވެސް ފޭންގެ ނަން ހިމެނެ އެވެ.

ޗައިނާގެ ނޫސްތައް ބުނާގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ފޭން ދައްކައިފިނަމަ އޭނާއަށް އެއްވެސް ޖިނާއި ދައުވާއެއް ނާންނާނެ އެވެ.

ފިލްމީ ތަރިންގެ މުސާރަ ކޮންޓްރޯލެއް ނެތި މަތިވަމުންދާތީ އާއި ގާނޫނާ ހިލާފަށް ޓެކްސް ނުދައްކާ މުސާރަ ދޭ މައްސަލަތައް އިތުރުވެފައިވާތީ ޗައިނާގެ ސަރުކާރުން މިހާރު ވަނީ ފިލްމީ ތަރިންގެ މުސާރަ ކޮންޓުރޯލްކުރަންވެސް ފަށާފައި އެވެ.