ހަބަރު

މައްސަލަ ނުނިމުނަސް ނޮވެމްބަރު އެކެއްގައި މާލެ އަންނާނަން: ނަޝީދު

ކޯޓްގެ ތެރެއިން އެ މަނިކުފާނުގެ މައްސަލަ ނުނިމުނަސް ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ޖޮއިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 1 ނޮވެމްބަރުގައި މާލެވަޑައިގަންނަވަން ގަސްދުކުރައްވާ ކަމަށެވެ. އަދި މައްސަލަ ނުނިމި ކޮންމެ ހާއްލެއްގައި ހުންނަވަން ޖެހިވަޑައިގެންނެވިޔަސް ނޮވެމްބަރު އެކެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ބޭފުޅުންގެ މައުލޫމާތައްޓަކައި ދަންނަވަން. އަޅުގަނޑު ގަސްދުކުރަނީ ނޮވެމްބަރު 1 ވަނަ ދުވަހު ރާއްޖެ އަންނަން. އެހާ އިރަށް އަޅުގަނޑުގެ މައްސަލަ ނުނިމުނު ނަމަވެސް އަޅުގަނޑު ގަސްދުކުރަނީ ވީ ހާލެއްގައި ވާން ރާއްޖެ ދިއުމަށް،" އިނގިރޭސިންގެ ހިމާޔަތުގައި ހުންނެވި ނަޝީދުގެ މެސެޖްގައި ވިދާޅުވި އެވެ.

އިބޫ ވައުދުވެ ވަޑައިގެންފައި ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު، ރައީސް ނަޝީދާއި އެހެން ވެސް ސިޔާސީ ލީޑަރުން މިނިވަން ކުރައްވާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އެކި ހުކުމްތަކާއި ތުހުމަތުތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން ވަނީ މިނިވަން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި ފާރިސް މައުމޫން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ނޮވެމްބަރު އެކެއްގައި ނަޝީދު މާލެ ވަޑައިގަންނަވާއިރު އިބޫ ވެރިކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.