ރިޕޯޓް

އާ ސަރުކާރުގެ ބަޖެޓެއް ވަރަށް މުހިންމު

Oct 4, 2018
1

ފަސް އަހަރުގެ ސަރުކާރެއް ދައުރު ހަމަކޮށް މި ނިމެނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުގެ ބަޖެޓު ހުށަހަޅަން ޖެހެނީ އޮކްޓޫބަރު މަހުގެ 30 ގެ ކުރިންނެވެ. އެހެންވެ، މި ފައްތަރު ވެގެންދަނީ އަލަށް އަންނަ ސަރުކާރަށާއި އެއިރެއްގައި އޮތް ސަރުކާރަށް ވެސް ބަޖެޓުގެ މަސައްކަތުގައި ގިނަ ގޮން ޖެހުން ތަކެއް ކުރިމަތިވާ ވަގުތަށެވެ. އާ ސަރުކާރަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އާ ސަރުކާރުގެ ފުރަތަމަ އަހަރު ކުރާނެ ކަންކަން ބަޖެޓުގައި ހިމަނަން ދަތިވުމެވެ. މިކަން މީގެ ކުރިން އެނގެނީ އަލަށް އަންނަ ސަރުކާރު ހުވާކޮށް، މަސައްކަތް ހިންގައި ގަތުމުންނެވެ. ވޭތުވެ ދިޔަ ދެ ސަރުކާރުގެ ދައުރަށް ބަލާއިރު ވެސް ފުރަތަމަ އަހަރު މިއީ ކުރި ޝަކުވާ އެކެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ފުރަތަމަ އަހަރު މިކަން "އެޅުވީ" ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ބޮލުގަ އެވެ. ރައީސް ނަޝީދު ސަރުކާރުން މިކަން އެޅުވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ސަރުކާރުގެ ބޮލުގަ އެވެ. ސުވާލަކީ އާ
ސަރުކާރުގެ ބަހެއް ނެތި ބަޖެޓު ހުށައަޅާ ގޮތް އޮތް އޮތުން ބަދަލު ކުރެވިދާނެ ހެއްޔެވެ؟

"ކުރީގެ ސަރުކާރުތަކުގައި އަޅުގަނޑުމެންނަށް ކުރިމަތިވި ތަޖުރިބާއަކީ، އާ ސަރުކާރެއް އައިސްގެން ސަޕްލިމެންޓްރީ ބަޖެޓެއް ނޫނީ ބަޖެޓުގެ ތެރޭގައި އެ ބޭފުޅުން ބޭނުންވާ ސިޔާސަތުތައް ނުގެނެވުމުގެ ސަބަބުން އަހަރުގެ ކުރީކޮޅު ވަރަށް ދަތިކޮށް ދަނީ ބަޖެޓު ހިންގަން. އެހެންވެ، މި ކަންކަން ހައްލު ކުރަން އާ ސަރުކާރަށް ބަޖެޓު ހުށަހަޅަން ފުރުސަތު ދެނީ،" ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ކޮންމެ ނިޔަތެއްގައި ދެއްކި ވާހަކައެއް ނަމަވެސް، މިއީ މިކަން ހިންގަމުންދާ ގޮތެވެ. ނަމަވެސް ސުވާލަކީ އަލަށް ސަރުކާރު ހިންގަން ހަވާލުވާ ފަރާތްތަކަށް އެއް މަސް ދުވަހުގެ ތެރޭގައި މިހާރު އޮތް ގޮތުން ފުލް ބަޖެޓު އެކުލަވާލާނީ ކިހިނެއް ހެއްޔެވެ؟ ބަޖެޓު ހުށަހެޅޭނެ ހެއްޔެވެ؟

މިވެސް ހިޔާލެއް

މިހާރު އާ ބަޖެޓުގެ މަރުހަލާ އޮތް ގޮތުން އިންތިހާބު ނިމޭއިރު މި އޮންނަނީ ބަޖެޓު ހުށަހަޅާ ސުންގަނޑި ޖެހިފަ އެވެ. މިކަމުގެ އެއް ހައްލަކީ އިންތިހާބު ބާއްވާ ތާރީހު އަވަސް ކުރުން ކަމަށް ބުނެވިދާނެ އެވެ. އިންތިހާބު ބާއްވާ ތާރީހު އަވަސްކޮށްފިނަމަ އާ ސަރުކާރު ހިންގަން ހަވާލުވާ ފަރާތަކަށް ބަޖެޓު ހުށަހަޅަން ފުރުސަތު ލިބޭނެ އެވެ.

ބަޖެޓު ހުށަހެޅުން އާ ސަރުކާރުގެ ބޮލަށް ކެނޑުން ނޫނީ އަލަަށް އަންނަ ސަރުކާރުގެ ބަހެއް ނެތި ބަޖެޓު ހުށަހަޅާ ގޮތަށް އޮތް އޮތުމަށް ހައްލެއް ގެންނަން ދެން އޮތީ ވެސް ތަފާތު ހިޔާލެކެވެ. އެއީ ބަޖެޓު މަރުހަލާ އަށް ދުރާލައި ތައްޔާރު ވުމެވެ. މިކަން ކުރަން ޖެހެނީ އިންތިހާބުގެ މާކުރީގަ އެވެ. ވެރިކަމަށް އަންނަން ކެމްޕޭން ކުރާ ހިސާބުން ބަޖެޓުގެ މަސައްކަތް ވެސް ކުރުމެވެ. ވައުދުތައް ކުރަމުންދާއިރު ޓެކްނިކަލް ލެވަލްއެއްގައި މި މަސައްކަތް ވެސް ކުރަމުން ދިއުމެވެ. ބަޖެޓުގެ "ރަފެއް" ނަމަވެސް ހަދައިދެން ރައްޔިތުންގެ ކުރިމައްޗަށް ދިއުމެވެ. ކެމްޕޭން މަރުހަލާގައި ބަޖެޓު ސިޔާސަތުތައް އެކުލަވާލުމަށް ވެސް ތައްޔާރުވުމެވެ. އާ ސަރުކާރުން ހުށަހަޅަނީ ބެލެންސް ބަޖެޓެއް ތޯ ނޫނީ ސާޕްލަސް ބަޖެޓެއް ތޯ ނޫނީ ދަރަނި ބަޖެޓެއް ތޯ ކަނޑައަޅައި ތައްޔާރު ވެގެން ތިބުމެވެ. އެހެންވެ ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގެ
ތެރެއަށް އާ ސަރުކާރުން ބަޖެޓް ހުށަހެޅުމުގެ ބައެއް ހިމެނިދާނެ އެވެ.

އެއް އަހަރު ގެއްލެނީ ؟

މިއީ ކުރިއަށް އޮތް 2023ގެ އިންތިހާބުގައި ވިސްނަން ޖެހޭ ކަމެވެ. މިކަން ނުކުރާނަމަ އަލަށް ހަވާލުވާ ސަރުކާރަށް ފަސް އަހަރުގެ ޓާމެއް ގާނޫނުގައި އޮތްނަމަވެސް ރައްޔިތުންނަށް ހިދުމަތް ދޭން އޮތް ވަގުތު ކުރުވެ އެވެ. އާ ސަރުކާރުގެ ސިޔާސަތު ފުރިހަމަ ގޮތެއްގައި ބަޖެޓުގައި ނުހިމެނޭ ނަމަ އެއީ މައްސަލަ އެކެވެ. ރައްޔިތުންނަށް ދޭ ހިދުމަތްތައް ފޯރުކޮށް ނުދެވި، އެއް އަހަރު ފަހަތަށް ދިއުން މިއީ އެއް ވެސް ރައްޔިތަކު ބޭނުން ވާނެ ގޮތެއް ނޫނެވެ. ދައުރު ބަދަލުވާއިރު އާ ސަރުކާރުގެ ބަސް ބަޖެޓުގައި ހިމެނޭނެ ގޮތެއް އޮންނަން ޖެހެނީ މިހެންވެ އެވެ.