ޗެމްޕިއަންސް ލީގް

ސީއެސްކޭއިން ރެއާލް ލަދު ގަންނަވާލައިފި

ޗެމްޕިއަންސް ލީގްގައި، ރަޝިއާގެ ސީއެސްކޯ މޯސްކޯއިން ރެއާލް މެޑްރިޑް ބަލި ކުރުމަށް އެ ޓީމު ލަދު ގަންނަވާލައިފި އެވެ.

އެންމެ ފަހަގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް ސީއެސްކޭއިން ކާމިޔާބު ހޯދީ 1-0 ނެވެ.

ރެއާލް މެޑްރިޑްގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވުމުން އެ ކުޅުންތެރިން ނުލާ ކުޅުނު މެޗުގައި، ސީއެސްކޭއިން ވަނީ މެޗު ފެށިގެން ދެ ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ނިކޮލާ ވުލަސިޗް އެވެ.

ރެއާލުން މެޗު ކުޅުނީ، ކެޕްޓަން ސާޖީއޯ ރާމޯސް އާއި ވައިސް ކެޕްޓަން މާސެލޯގެ އިތުރުން ގެރެތު ބޭލް ނުލަ އެވެ. އަދި ލުކަ މޮޑްރިޗްވެސް މެޗު ފެށީ ބެންޗުންނެވެ. ފުރަތަމަ ހާފުގައި ޑެނީ ކަވަހާލުގެ ބަދަލު ކުރަން ޖެހުނެވެ.

ދެ ވަނަ ހާފުގައި ބަދަލުތައް ގެނެސްގެންވެސް، ރެއާލް އަށް ސީއެސްކޭގެ މޮސްކޯގެ ގޯލް ފޫއަޅުވާ ނުލެވުނެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި ސީއެސްކޭގެ ކީޕަރު އީގޯ އަކިންފީވް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

އެ ގުރޫޕްގައި، އިޓަލީގެ ރޯމާ އާއި ޗެކް ރިޕަބްލިކްގެ ޕިއަލް ޒޭޑީގެ މައްޗަށް ރޯމާ ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ޗެމްޕިއަންސް ލީގްގެ ކުރީގެ ގަދަ ބާރު އަޔެކްސް އަތުން ވަރުގަދަ ބަޔާން މިޔުނިކު އެއްވަރުވީ 1-1 ންނެވެ. މެޓްސް ހުމެލްސް މެޗުގެ ތިން ވަނަ މިނެޓްގައި ބަޔާންއަށް ލީޑް ނަގައިދީފައި ވަނިކޮށް އަޔެކްސްއަށް މެޗުގެ 22 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޯށްދިނީ މޮރޮކޯގެ ނުސައިރު މަޒަރޫއާ އެވެ.

ރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެންޗެސްޓާ ޔުނައިޓަޑްވެސް ވަނީ އެއްވަރު ވެފަ އެވެ. އެއީ އެ ޓީމުން މޮޅު ނުވެ ފުރިހަމަ ކުރި ޖެހިޖެހިގެން ހަތަރު ވަނަ މެޗެވެ. އެ ގުރޫޕްގައި ހިމެނޭ، ޔުވެންޓަސް އާއި ސްވިޒަލޭންޑްގެ ޔަންގު ބޯއީސް ކުޅުނު މެޗު ޕައުލޯ ޑިބާލާގެ ހެޓްރިކުން ޔުވެންޓަސް ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.