ގާސިމް އިބްރާހިމް

ގާސިމް ރާއްޖެ އައުން މާދަމާއަށް ފަސްކޮށްފި

ޖަރުމަންވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ބަދަލުގައި އޭނާ ރާއްޖެ އަންނާނީ މާދަމާ ކަމަށެވެ. މާދަމާ ގާސިމް ރާއްޖެ ވަޑައިގަންނަވަނީ މެންދުރުފަހު 2:00 ގަ އެވެ.

ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް ރާއްޖެ ވަޑައިގަންނަވަން ނިންމެވީ ހައިކޯޓުން އޭނާ ކަފާލާތުގެ ދަށުން މިނިވަންކުރުމާ ގުޅިގެންނެވެ. ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ. އެ ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އޭރު އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

އެ ހުކުމަށްފަހު ގާސިމް ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި އެވެ. ނަމަވެސް ފަހުން ވަނީ ޖަރުމަންވިލާތަށް އަމިއްލަފުޅަށް ވަޑައިގެންފަ އެވެ. ބޭސްފަރުވާއަށް ދިން މުދައްތު މިހާރު ވަނީ ހަމަވެފަ އެވެ.

ގާސިމް ކަފާލާތުގެ ދަށުން ހައިކޯޓުން މިނިވަންކޮށްފައިވަނީ އޭނާއަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފާމެދު އެ ކޯޓަށް ވަކި ގޮތެއް ކަނޑައެޅެންދެނެވެ. އެ މައްސަލާގެ އަޑުއެހުންތައް މީގެކުރިން ފަށަން ތާވަލުކުރި ނަމަވެސް އަދި ފަށާފައެއް ނުވެ އެވެ.

ގާސިމްއާއެކު ދެދަރިކަލުން ކަމަށްވާ މުހަންމަދު އާއި އިސްމާއީލްވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ. މީގެ އިތުރަށް އަލީ ވަހީދާއި، ޖަމީލު ވެސް އޭނާއާއެކު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ޖަމީލް އާއި އަލީ ވަހީދު ވެސް އުޅުއްވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގަ އެވެ.

އަލީ ވަހީދާއި ޖަމީލަކީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންވެސްމެއެވެ. ޖަމީލު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރަން މަސައްކަތް ފެށުމުންނެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެންފައިނުވާއިރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރި އެވެ.

އަލީ ވަހީދު ރާއްޖެ ދޫކުރައްވާ އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށްފަހު އެވެ. އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދާދިފަހުންނެވެ.