ރިޕޯޓް

ކޯލިޝަންގައި ލާފައިވަނީ ކުޑަ، އެންމެ ރެނދެއް ނޫން!

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އެކުގައި ރޯދަ ވިއްލަވައި އެކުގައި ޕޯޑިއަމަށް އަރުއްވައި އެކުގައި ޕާކްތަކުގައި ހިނގަވައި ފޮޓޯ ނެންގެވި މަންޒަރުތައް މީގެ އަހަރެއްހާ ދުވަސް ކުރިން ފެނުނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މާފު ކުރެއްވި އެވެ. އެ ދެ ބޭފުޅުން ފެނިގެން ދިޔައީ ހީކުރި ގޮތާ ހިލާފަށް ވަރަށް އެކުވެރި ދެ ބޭފުޅުންގެ ގޮތުގަ އެވެ. އެކަމަކު އެ އެކުވެރި ކަމަކަށް ބަނަ ވިލާގަނޑެއް އެޅިފައިވާކަން އެއީ މިހާރު ކަށަވަރުވެފައިވާ ކަމެކެވެ. ދެ ބޭފުޅުންގެ މެދުގައި އެކުވެރި ކަމުގެ ބަދަލުގައި ރުޅިވެރިކަމުގެ އަލިފާން ހިފާފައިވާކަން މިހާރު އޮތީ ފެންނާށެވެ.

މިކަން ރައީސް ނަޝީދުގެ ފަރާތްޕުޅުން އެއްވެސް ވަރަކަށް ފާހަގައެއް ނުވެ އެވެ. ނަމަވެސް ރޭ ޑރ. ޖަމީލު ސިޔާސީ ޕޯޑިއަމަކަށް އަރުއްވައި ވަނީ އޭނާ އެންމެ ދެކޮޅު ރައީސް އަބްދުﷲ ޔާމީނަށްވުރެ ގިނަ ހަމަލާތައް ރައީސް ނަޝީދަށް ފޮނުވާ ލައްވާފަ އެވެ. ޖަމީލު ރޭ ވާހަކަ ދެއްކެވިއިރު ހުންނެވީ އިހަށް ވެސް ފެންނަ ރުޅިގަދަ މޫނަށް ވުރެ ބޮޑަށް ރުޅިގަދަވެފައިވާ މޫނަކާއެކު އެވެ. އަދި ވަރަށް ޖޯޝާ ވެސް އެކުގަ އެވެ. "ބުރަކައްޓަށް ވަޅި ހަރާފައިވާ" ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖަމީލު އެއްވެސް ބޭފުޅެއްގެ ނަން ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ "ދޮންބެ" އެއްގެ ވާހަކަ އެވެ. ޖަމީލުގެ ސީދާ އިޝާރަތް ހުރީ ރައީސް ނަޝީދަށްކަން ކަށަވަރެވެ. އެ ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ ދެ ބޭފުޅުންގެ ދެމެދަށް މައްސަލަތައް ވަދެފައިވާކަން ޖަމީލުގެ ރޭ ވާހަކަތަކުން ސާފުވެ އެވެ. ދެ ބޭފުޅުންގެ ދެމެދުގައި ލާފައިވަނީ ކުޑަ ރެނދެއް ނޫންކަން ފާޅުގައި ބަހުގެ ހަމަލާތައް ދެއްވަން ފެށުމުން އެނގެ އެވެ.

މި ބޮޑު ރެނދުގެ އިތުރަށް އެހެން ރެނދުތަކެއްގެ ވާހަކަ އެމްޑީޕީއިން އިއްޔެ ވަކިވެވަޑައިގަނެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އަލީ ވަހީދު ވަނީ ފެންމަތިކޮށްފަ އެވެ. އެންމެ ފާހަގަވި ކަމަކީ އެމްޑީޕީ ތެރޭގައި އޮތް ރެނދެއްގެ ވާހަކަ އެވެ. ސިއްރު ގައުމީ މަޖިލީހެއްގައި ހިނގި ކަންތައްތަކުގެ ވާހަކައެއް އަލީ ވަހީދު ވަނީ ފާޅުގައި ވިދާޅުވެފަ އެވެ. އެއީ، އެއް ކެނޑިޑޭޓެއް ނެރުމަށާއި އެހެން ޕާޓީތަކާއެކުގައި މަސައްކަތް ކުރުން ހުއްޓާ ނުލުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފެއިލްވެގެން ދިޔަ ކަމެވެ. އެ ދެ ބޭފުޅުން ގައުމީ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުންތައް ބޭރުކޮށްލި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މިހާރު އެމްޑީޕީގައި ކުރިއަށްދާ ކަންކަމަކީ އިބޫ އަދި ޝާހިދު އެންމެ ބޭނުންވާ ގޮތް ނޫންކަން އަލީ ވަހީދުގެ ވާހަކައިން އެނގެ އެވެ.

ދޮންބެއަށް މީރު ކާ އެއްޗެހި މަށަށް މީރު ނުވެދާނެ، ދޮންބެއަށް މީރު ބުއިން މަށަށް މީރު ނުވެދާނެ، އޭގެ މާނައަކީ ބުރަކައްޓަށް ވަޅި ހަރާލުމެއް ނޫން،
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު

ރިޔާސީ ކެމްޕެއިން ރައީސް ނަޝީދު ފައްޓަވައި، މެނިފެސްޓޯ އިއުލާން ކުރައްވަމުންދާއިރު އިބޫ ވަނީ އެއްކޮށް ސައިލެންޓްވެފަ އެވެ. ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަ ވެސް ނުކުރެއްވިއިރު ޕްރައިމަރީގައި ރައީސް ނަޝީދުގެ ފަހަތުގައި ހުންނަވާނެ ކަމަށް ވިދާޅުވުމުގެ އިތުރަށް ޝާހިދުގެ ހަރަކާތެއް ވެސް ނުފެނެ އެވެ. މިއީ ބޮޑެތި ރެނދުތަކެއްގެ އަލާމާތް ކަމަށް ބެލެވެ އެވެ.

އަލީ ވަހީދު ޗެއާޕާސަން ކަމުން އިސްތިއުފާން ދޭން ޖެހުނީ ވެސް އެ ޕާޓީ ތެރެއިން އުފެދުނު ރޯޅިއަކާއެކުކަން މިހާރު މިއޮތީ އެނގޭށެވެ. ސްކައިޕް މެދުވެރިކޮށް ޓީވީތަކަށް އިންޓަވިއު ދެއްވަން ފެއްޓެވި ބޭފުޅަކީ އަލީ ވަހީދެވެ. އެކަން އޭރު އެމްޑީޕީގެ ލީޑަޝިޕަށްވީ ޖޯކަކަށް ކަމަށް އަލީ ވަހީދު ރޭ ވިދާޅުވި އެވެ. އޭނާ މަގާމުން ބޭލުމަށް ބަހަނާއަކަށް ހެދީ ސްކައިޕް މެދުވެރިކޮށްގެން ޕާޓީ ނުހިންގޭނެކަން ކަމަށެވެ. ނަމަވެސް މިއަދު ބޮޑު ރިޔާސީ އިންތިހާބެއްގެ ކެމްޕެއިން މުޅިން ސްކައިޕް މެދުވެރިކޮށް އެމްޑީޕީއިން ކުރާތީ އުފާ ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވީ ޖެއްސުމުގެ ރާގަކަށެވެ.

އިދިކޮޅު ޕާޓީތަކުގެ ތެރެއިން ރެނދުތަކެއް ފެންމަތިވިއިރު އިންތިހާބު އޮތީ ބޯމަތިވެފަ އެވެ. ރައީސް ނަޝީދު ކެމްޕެއިން ކުރައްވާއިރު ރޭ ގާސިމް އިބްރާހިމްގެ ކެމްޕެއިން ވެސް ވަނީ ފައްޓަވާފަ އެވެ. އަލީ ވަހީދާއި ޖަމީލު ވެސް ރައީސް ނަޝީދަށް އަމާޒު ކުރައްވާ ވިދާޅުވަނީ އެކަނި އުޅުއްވައިގެން ކާމިޔާބު ނުވާނެ ކަމަށެވެ. އެ ބޭފުޅުންގެ ވިސްނުން ހުންނެވީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުމަށެވެ. އެ ކެނޑިޑޭޓަކީ ހަތަރު ލީޑަރުންގެ މަޝްވަރާގެ މަތިން ހޮވޭނެ ކެނޑިޑޭޓަކަށްވުމެވެ. އެކަމަށް އެ ބޭފުޅުންގެ ތާއިދު އޮތީ ގާސިމަށެވެ. ނަމަވެސް ލީޑަރުން އެހެން ގޮތަކަށް ވިސްނައިފިނަމަ އެހެން ކެނޑިޑޭޓެއްގެ ފަހަތުގައި ވެސް ހުންނަވާނެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވެ އެވެ. އެހެންނަމަވެސް ރައީސް ނަޝީދު ހުންނެވީ ފަހަތަށް ބައްލަވާ ގޮތަކަށް ނޫނެވެ. ދޫދެއްވާ ގޮތަކަށް ވެސް ނޫނެވެ. އިންތިހާބު ވާދަކުރައްވާނެ ކަމުގެ ޖޯޝު ރައީސް ނަޝީދު އެލުވާނުލައްވަ އެވެ.

ރިޔާސީ އިންތިހާބަށް މިފަހަރު ކޯލިޝަން ނުހެދެންޏާ ނުހެދޭނީ އެމްޑީޕީ ނަހަދަން ތިބިއްޔާ، ކޯލިޝަން ރޫޅާލާ ބަޔަކަށް މިފަހަރު ޖުމްހޫރީ ޕާޓީ ނުވާނެ،
އަލީ ވަހީދު

ކަންކަން ނިއުޅެމުން ގޮސް މި ހިސާބަށް ދިޔައިރު ސިޔާސީ މައިދާނުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ މަންޒަރުތަކަކީ ޝައުގުވެރި މަންޒަރުތަކަށްވާނެ އެވެ. އަނެއްކާވެސް ހަތަރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށްވާ ތަން ފެންނަމުންދާނެ އެވެ. ޖުމްހޫރީ ޕާޓީއަކީ ދެވަނަ ވިސްނުމަކަށް ދާނެ ޕާޓީއަކަށް ރޭ ގާސިމް އިބްރާހިމް ވެސް ވިދާޅުވިއިރު އެ ޕާޓީގެ ހުންގާނު ކޮންމެ ވަގުތެއްގައި ކޮންމެ ކޮޅަކަށް ވެސް އަނބުރާލަދާނެ ކަމަށް ރޭ ގާސިމްގެ ވާހަކަތަކުން ވެސް އެނގެ އެވެ.