ޕީޕީއެމް

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕީޕީއެމްގެ ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބުކުރި އެ ޕާޓީގެ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން، އީސީއިން މިއަދު ނިންމައިފި އެވެ.

އެގޮތަށް ނިންމީ މިއަދު ބޭއްވި އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުގަ އެވެ. އެ ނިންމުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، ޕީޕީއެމްއިން ހާއްސަ ގޮތުން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެހެންވެ، އެ ކޮންގްރެސްގެ ނިންމުންތައް އެންޑޯސް ކުރެވެން ނެތް ކަމަށް ކޮމިޝަނުން ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ކުރިމަތިވި ނާކާމިޔާބީއާއެކު ބޭއްވި ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް، ރައީސް ޔާމީން އިންތިހާބު ކުރެއްވީ ކޮންގްރެސްގެ އަގުލަބިއްޔަތުންނެވެ. އޭގެ އިތުރަށް ޕާޓީގެ ހަތަރު ނައިބު ރައީސްއަކު އިންތިހާބުކުރި އެވެ. އެއީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޕާޓީގެ ކައުންސިލަށް ވެސް މެންބަރުންތަކެއް އެ ދުވަހު އިންތިހާބުކޮށްފައިވެ އެވެ.

ކޮންގްރެސް ކުރިއަށް ގެންދިޔައީ މީޑިއާ ވެސް ނުވައްދާ ވަރަށް ސިއްރުންނެވެ. ކޮންގްރެސްގައި ޕީޕީއެމްއަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިދިކޮޅު ޕާޓީ ކަމެއް ކަނޑައަޅައި ގަރާރެއް ވަނީ ފާސްކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމާފައިމިވަނީ އެކަމަށް އެދި އެ ޕާޓީއިން 2013 ވަނަ އަހަރު ބޭއްވި ކޮންމގްރެސްގައި ފުރިހަމަ އަގުލަބިއްޔަތުން އިންތިހާބު ކުރެއްވި ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމަށް އެދިވަޑައިގެން އިލެކްޝަން ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވާނަމަ ދެން ހާއްސަ ގޮތުން ބާއްވާ ކޮންގްރެސް ބޭއްވެން ގަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށާއި، އެހެންނަމަވެސް، ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލްއަކީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށް ވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކައުންސިލްގެ ދައުރަކީ ފަސް އަހަރު ދުވަސްކަން އަސާސީ ގަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، އެހެން ކަމުން އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފަ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް އަސާސީ ގަވާއިދާ ހިލާފަށް ވަނީ ކަނޑައަޅާފަ ކަމަށެވެ.