މިއަދަކީ ބީއެމްއެލްގެ މުވައްޒަފުންނަށް ވަރަށް ތަފާތު އުފާވެރި ދުވަހެކެވެ. ރާއްޖޭގެ މައި ބޭންކްގެ އޮފީސްތަކާއި ބްރާންޗްތައް ކުޑަކުދިންނާ ގުޅޭ ގޮތަށް ޒީނަތްތެރިކޮށް، މުވައްޒަފުންނަށް އެ ބޭންކުން މިއަދު ހުޅުވާލާފައިވަނީ ދަރިން ގޮވައިގެން މަސައްކަތަށް ނުކުމެލުމުގެ ފުރުސަތެވެ. ބޭނުމަކީ ކުދިންނަށް މައިންބަފައިން ކުރާ މަސައްކަތް ގާތުން ދައްކާލުމެވެ.
ގާތްގަނޑަކަށް ހާހަކާ ގާތްކުރާ އަދަދަކަށް ބީއެމްއެލްގައި މުވައްޒަފުން ތިބެ އެވެ. ކުޑަ ކުދިން ޒިޔާރަތްކުރާ ދުވަހުގެ ގޮތުގައި މިއަދު ކަނޑައަޅާފައިވާއިރު ކުދިންނަށް ހާއްސަކޮށްގެން އެކި އުމުރުފުރާތަކާ ގުޅޭ ހަރަކާތްތައްވެސް ބޭންކްގެ އެކި ސައިޓްތަކުގައި މިއަދު ދަނީ ކުރިއަށްގެންދަމުންނެވެ.
"މިއަދަކީ މުވައްޒަފުން ހާއްސަ އިސްކަމެއް ކަމެއް ދޭ ދުވަހެއް. ބީއެމްއެލްގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން. އެ މުވައްޒަފުންގެ ހިދުމަތްތަކަކަކީ އަގުވަޒަން ކުރެވޭ ވަރަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ކުދިންނަށް މި ފަދަ ހިތްގައިމު މާހައުލެއް ގާއިމްކޮށްލެވޭ ކަމީ ހުރިހާ މުވައްޒަފުންނަށްވެސް ލިބޭ އުފަލެއް. ބޭންކުގެ މުވައްޒަފުންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ އަދި ބީއެމްއެލް އަކީ ގައުމުގެ އިގްތިސާދު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ އެއް ކުންފުނި" ބީއެމްއެލުން ބުންޏެވެ.
މިއަދުގެ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފަކު ބުނީ ދަރިންނާއެކު އޮފީހަށް ޒިޔާރަތްކޮށްލެވުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.
"އަޅުގަނޑުމެންް އޮފީހުގައި ކުރަމުންދާ މަސައްކަތް ކުދިންނަށް އެބަ ދައްކުވައިދެވޭ. އަދި އެހެން ކުދިންނާއެކު އުފާވެރި އަދި ތަފާތު ކުޅިވަރުކުޅުމުގެ ހަރަކާތްތަކުގައި މިވަނީ ބައިވެރިވެފަ. މިއީ މަސައްކަތް ބުރަ އޮފީހެއް. އެކަމަކު އާއިލާގެ ފަރާތުން ލިބެމުން އަންނަ ލޯބިންނާއި މަސައްކަތުގެ މާހައުލަކީ މަސައްކަތްކުރުމަށް އިތުރު ހިތްވަރެއްލިބޭ ކަމެއް،" އޭނާ ބުންޏެވެ.
މި ހަރަކާތަކީ ބީއެމްއެލްގެ މުވައްޒަފުން މަސައްކަތް ކުރުމަށް ހުންނަ ޝައުގުވެރިކަން މަތީ ފެންވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ކުންފުނިން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މިއަހަރު ބީއެމްއެލް އިން ވަނީ އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރަން އެންމެ ރަނގަޅު ކުންފުނިތަކަށް ދޭ އެވޯޑް ޖެހިޖެހިގެން ދެވަނަ އަހަރު ހޯދާފައެވެ.