ހަބަރު

ސިރިސޭނަ އިބޫއަށް: ރައްޔިތުންގެ ނިންމުން ސާފު، ގުޅުން ބަދަހި ކުރާނަން

މިދިޔަ މަހު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ސަރުކާރާއެކު ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ކަމަށް ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ސިރިސޭނާ، އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވާފައިވާ ކަމަށާއި އަދި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"ދެގައުމުގައި ޒަމާނުއްސުރެ އޮތް ގުޅުން ބަދަހިކަމާއެކީގައި ކުރިއަށް ދާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ސިރިސޭނާ ވިދާޅުވި،" މާރިޔާ ވިދާޅުވި އެވެ.

ސިރިސޭނާ މަރުހަބާ ވިދާޅުވެފައިވާއިރު، ނޮވެމްބަރު 17 ގައި އިބޫ ރައީސް ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށްވެސް ދައުވަތުދީފައި ވެއެވެ. އެ ދައުވަތު އަރުވާފައިވަނީ، ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން، ސްރީލަންކާގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރަނިލް ވިކްރަމަސިންހައާއެކު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން ކަމަށް ލަންކާ ސަރުކާރާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.