ހަބަރު

ލަންކާގެ މިނިވަން ދުވަސް ފާހަގަ ކުރަން ރައީސް ސޯލިހު ވަޑައިގަންނަވަނީ

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ވިދާޅުވީ، ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަށް ރައީސް އަންނަ މަހުގެ ތިން ވަނަ ދުވަހު އެގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެނބުރި ރާއްޖެވަޑައިގަންނަވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. އެދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރައްވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

ލަންކާގެ މިނިވަން ދުވަހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ. އެނގިފައިވާ ގޮތުގައި ރައީސް ލަންކާއަށް ވަޑައިގަންނަވަނީ އެގައުމުގެ މިނިވަން ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދިނުމަށެވެ. މި ދަތުރުފުޅަކީ އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ސޯލިހް، ހުވާކުރެއްވުމަށްފަހު ލަންކާއަށް ކުރައްވާ މިއީ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނަމަވެސް މިމަހު ކުރީކޮޅު ރައީސް ވަނީ ލަންކާއަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

ވެރިކަމާ ހަވާލު ވެވަޑައިގަތުމަށްފަހު ރައީސް ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާ އަށެވެ. އޭގެ ފަހުން ރައީސް ވަނީ ޔޫއޭއީއަށްވެސް ވަޑައިގެންފަ އެވެ.