ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލަންކާގެ ރައީސް ސިރިސޭނަ އިބޫއާ ބައްދަލު ކުރައްވައިފި

Oct 10, 2018

ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ މިއަދު ސްރީލަންކާގައި ބައްދަލު ކުރައްވައިފި އެވެ.

އިބޫ މިއަދު ވަނީ އޭނާ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފަ އެވެ. ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ އިބޫއާ މިއަދު ބައްދަލު ކުރެއްވީ، އިބޫ ރާއްޖެ ވަޑައިގަތުމަށް ބަންޑާރަ ނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެވެ. އެއީ ރަސްމީ ބައްދަލުވުމެއް ނޫނެވެ. ސިރިސޭނައާ އިބޫއާ ބައްދަލުވީ އެމަނިކުފާނު ސީޝެލްސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި ލަންކާއަށް އައި ވަގުތާއި އިބޫ ރާއްޖެ ވަޑައިގަންނަވަން ވީއައިޕީގައި ހުންނެވި ވަގުތާ ދިމާވުމުން އެވެ.

ސިރިސޭނަ މީގެ ކުރިން ވަނީ އިބޫއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އަޑު އިވިއްޖެ ކަމަށާއި އިބޫގެ ސަރުކާރަށް ލަންކާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެއަށް ފަހު ސިރިސޭނަގެ ފަރާތުން ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެން އިބޫ އާއި އިދިކޮޅު ލީޑަރުންނާ ބައްދަލު ކުރެއްވި އެވެ.

ބޭރަށް ކުރެއްވި ދަތުރުފުޅަށް ފަހު އިބޫ މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.