ހަބަރު

ލަންކާގެ ވެރިންނަށް ގުޅުއްވާ ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ސްރީލަންކާގެ ރައީސް ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި އެގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޯން ކުރައްވައި ރައީސް ވިދާޅުވީ، އެގައުމަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަރުވި މީހުންނާއި އާއިލާތަކަށް އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި ލަންކާގެ ރައްޔިތުންނާއެކު ތިއްބެވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 45 ކުޑަކުދިން ހިމެނެ އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

ހަމަލާާތަކާއި ގުޅުން ހުރި ކަމަށް ބެލެވޭ 70 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އިތުރު ހަތް މީހަކު ހޯދަން މިހާރު ވަނީ ފޮޓޯ އާއްމުކޮށްފަ އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) ވަނީ އެހަމަލާތަކުގެ ޒިންމާ އުފުލާފަ އެވެ.