އަލްހާން ފަހުމީ

އަލްހާން ޕީޕީއެމްއިން ވަކިވެއްޖެ

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްއާ ގުޅިވަޑައިގަތް އަލްހާން ފަހުމީ މިއަދު އެ ޕާޓީއިން ވަކިވެވަޑައިގެންފި އެވެ.

އަލްހާން ޕީޕީއެމްއިން ވަކިވެވަޑައިގަތީ، އިންތިހާބުގައި ޕީޕީއެމްއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވަނިކޮށެވެ. އޭނާ ވަނީ ކެމްޕެއިން ޖަލްސާތަކުގައި އާއި ޓީވީތަކުގައި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އިދިކޮޅަށް ފާޑު ވިދާޅުވެފަ އެވެ.

ނަމަވެސް މިފަހުން އަލްހާން ގެންދަވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތާއިދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އަލްހާން ވިދާޅުވާ ގޮތުގައި އިބޫއަކީ އޭނާގެ "ޑްރީމް ޕްރެސިޑެންޓް" އެވެ.

އަލްހާން މިއަދު ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އޭނާއަށް ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ކުރެވޭނީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އޮތް އިދިކޮޅު އިއްތިހާދާއެކު ކަމަށް ގަބޫލުކުރާ ކަމަށެވެ. މިހާރު ޕީޕީއެމްގައި މަސައްކަތް ކުރަން ވެސް ހުރަސްތަކެއް ހުރުމުން ޕާޓީއިން ވަކިވާން ނިންމީ ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން ކުލަގަދަ ޖަލްސާއެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ. އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ އަލުން ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ.