ޕީޕީއެމް ކޮންގްރެސް 2018

ކޮންގްރެސް ބާތިލްކުރުމުގެ ގާނޫނީ ބާރެއް އީސީއަށް ނެތް: ޕީޕީއެމް

ޕީޕީއެމްއިން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ނިންމުމުގެ އެއްވެސް ގާނޫނީ ބާރެއް އިލެކްޝަން ކޮމިޝަން، އީސީއަށް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްގެ ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން އިންތިހާބުކުރި ކޮންގްރެސް ބާތިލް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ނިންމުމަށްފަހު އެ ކޮމިޝަނުން ބުނެފައިވަނީ ޕީޕީއެމްއިން ހާއްސަ ގޮތުން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށާއި އެ ކޮންގްރެސްގެ ނިންމުންތައް އެންޑޯސް ކުރެވެން ނެތް ކަމަށެވެ.

އެކަމަށް ރައްދު ދިނުމުގެ ގޮތުން ޕީޕީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ކޮންގްރެސް ބާއްވާފައިވާނީ ޕާޓީގެ އަސާސީ ގަވާއިދާއި އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާ ސިވިލް ކޯޓުގެ
ހުކުމްގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އަދި އިލެކްޝަންސް ކޮމިޝަނަށް ކުރިއާލައި މައުލޫމާތު ހިއްސާ ކޮށްގެން ކަމަށެވެ.

އެ ހުކުމަކީ ޕާޓީގެ ހިންގުން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން ނަންގަވައި، މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރުމަށް ކުރި ހުކުމެވެ. އެ ހުކުމްގައި މުސްތަޝާރުގެ ބެލުމުގެ ދަށުން އަވަހަށް ކޮންގްރެސްއެއް ބޭއްވުމަށް އަންގާފައިވެ އެވެ. ނަމަވެސް ކޮންގްރެސް ބޭއްވުނީ އޭގެ އަހަރެއް ވެސް ފަހުން ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާ ގުޅިގެން ކުއްލި ގޮތަކަށެވެ.

"މިޕާޓީގެ ހާއްސަ ގޮތުން ބޭއްވުނު ކޮންގްރެސްއަކީ މިޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލުން ނިންމައިގެން، މަންދޫބުން ބައިވެރިކުރެވިގެން ބޭއްވުނު ކޮންގްރެސްއަކަށްވެފައި، އެޖަލްސާ ބާއްވާކަން އާންމުކޮށް އިއުލާނުކުރެވިގެން ކުރިއަށް ގެންދެވުނު ޖަލްސާއެއް، ހަމައެއާއެކު، އެޖަލްސާ ބާއްވާކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެކަން ބަލައިގަނެ، އެ ޖަލްސާގެ ކަންކަން އޮބްޒާވް ކުރެއްވުމަށް އެކޮމިޝަންގެ ފަރާތުން އޮބްޒާވަރުންވެސް ވަނީ ފޮނުއްވާފަ،" ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްއިން ބުނީ، އިލެކްޝަން ކޮމިޝަންގެ ފަރާތުން ޖަލްސާގެ ކަންކަން އޮބްޒާވް ކުރުމަށް ދިޔަ އޮބްޒާވަރުންގެ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބުދާރިވެ، އިތުރަށްވެސް ޖަލްސާގެ ކަންކަން ވާނީ އޮޅުންފިލުވައިދީފަ ކަމަށެވެ. އަދި ޖަލްސާގައި ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަން އެ އޮބްޒާވަރުންގެ ފަރާތުން ކަށަވަރުކޮށްފައިވާ ކަމަށެވެ.

ކޮންގްރެސް ކުރިއަށް ދިޔައިރު ފާހަގަނުކުރާ އިޖުރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ޕީޕީއެމްގެ ކޮންގްރެސް އެންޑޯޒް ކުރެވެން ނެތް ކަމަށް ނިންމުމުގެ ގާނޫނީ އެއްވެސް ބާރެއް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ޕީޕީއެމްގެ ނޫސް ބަޔާނުގައިވެ އެވެ.

"މިޕާޓީގެ ހާއްސަ ގޮތުން ބޭއްވި ކޮންގްރެސްގެ ކަންކަން ނިމި، އެކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
ބަލައިގަތުމަށްފަހު އެ ޖަލްސާއާއި ޖަލްސާގެ ނިންމުންތައް އެންޑޯޒް ނުކުރަން ނިންމާފައިވާ ނިންމުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ ނިންމުމެއް،" ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްއިން ބުނީ، އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމާ ދޭތެރޭ ސުވާލު އުފެދޭ ފަދަ އެތައް ކަމެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައި، އެކަންކަމާމެދު ސުވާލު ކުރެވެން ފެށުމާއެކު އެ ކޮމިޝަންގެ ފަރާތުން މިފަދަ ތަސައްރަފް
ނުފުދޭ ނިންމެވުންތައް ނިންމެވުމަކީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމާމެދު ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް އޮތުން ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.

ޕީޕީއެމްއިން ގެންދަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިލެކްޝަން ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.