ދުނިޔެ

މެލޭޝިއާގެ ފަރުބަދައަށް ބިންހެލުން އައީ އޮރިޔާމުން ތިބެ ފޮޓޯ ނެގުމުން ކަމަށް ބުނެ ޓޫރިސްޓުންތަކެއް ހައްޔަރުކޮށްފި

Jun 11, 2015

ޓޫރިސްޓުންގެ މެދުގައި މަގުބޫލު މެލޭޝިއާގެ މައުންޓް ކިނަބަލޫ އަށް ބާރުގަދަ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވީ އެ ފަރުބަދައިގެ މަތީގައި އޮރިޔާމުން ތިބެ ފޮޓޯ ނެގުމުން ކަމަށް ބުނެ، އެކަން ކުރި ހަތަރު ޓޫރިސްޓަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފި އެވެ.

އެ ހަތަރު މީހުންގެ އިތުރުން، އެ މީހުންގެ ގްރޫޕުގައި ހިމެނޭ އިތުރު ހަ މީހަކު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މެލޭޝިއާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ކިނަބަލޫ އަށް މި މަހުގެ ފަސް ވަނަ ދުވަހު 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް އެ ފަރުބަދަ ގުޑައި އެތައް ބަޔަކު ފަރުބަދަ މަތީގައި ތާށިވި އެވެ. އެކި ގައުމުތަކުގެ 16 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ހާދިސާ ހިނގި މައުންޓް ކިނަބަލޫ ހުންނަ ސޮބާހް ޑިސްޓްރިކްޓުގައި އުޅޭ ކަދަޒަން ދުސުން ގަބީލާގެ މީހުންނަށް އެއީ މުގައްދަސް ތަނެކެވެ.

އެހެންވެ، ހައްޔަރުކޮށްފައިވާ ކެނެޑާ ދެ ބެންނާއި ހޮލެންޑުގެ ފިރިހެން މީހާ އަދި އިނގިރޭސި އަންހެނަކު ހިމެނޭ 10 ޓޫރިސްޓުންގެ ގްރޫޕުން ފަރުބަދަ މަތީގައި އޮރިޔާމުން ތިބެ ފޮޓޯ ނަގައި އެ ތަނަށް ކުޑަކަމު ދިޔަ މައްސަލަ އޮތީ ބިންހެލުމުގެ ކުރިން ވެސް އެ ގަބީލާގެ ތެރޭގައި ބޮޑުވެފަ އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެގި ފޮޓޯތަކުގެ މައްސަލަ އިތުރަށް ބޮޑުވީ އެ ބިންހެލުން އައުމާ ގުޅިގެންނެވެ.

އެ ބިންހެލުން އައީ އެ ޓޫރިސްޓުންގެ އަމަލުތަކުގެ ސަބަބުން ކަމަށް ސޮބާހް ޑިސްޓްރިކްޓްގެ ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޔޫސުފް ޕައިރިން ކިތިންގަން ވެސް މިދިޔަ ހަފުތާ ބަންދުގައި ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ އެ ފަރުބަދަ އަށް "އިހާނެތިކޮށް" ކަންތައް ކުރިކަން "ސާބިތުކޮށް ދިނުމަށް ދެއްކެވި ނިޝާނެކެވެ".  

އެ ތުހުމަތު ބޭރު ދުނިޔޭގައި ބޮޑު ކަންތައްގަނޑަކަށް ވެދާނެ ކަމަށް ބަލައި ޓޫރިޒަމް މިނިސްޓަރު މަސީދީ މަންޖުން ވަނީ އޭނާގެ ނައިބު ދެއްކެވީ "މުޅިން ރަނގަޅު" ވާހަކައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، މިނިސްޓަރު ވެސް ވިދާޅުވީ އެ ޓޫރިސްޓުންގެ އަމަލުތައް ހުރީ "ސޮބާހްގެ އެންމެ ބޮޑު ގަބީލާގެ މީހުންގެ ހިޔާލާ ދެކޮޅަށް" ކަމަށެވެ.

ހައްޔަރުކުރި ހަތަރު މީހުން ވަނީ އިއްޔެ ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި ކޯޓުން ވަނީ ހަތަރު ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބައިތިއްބައިގެން، ފަރުބަދަ މަތީގައި ހިނގާދިޔަ ކަންތައްތައް ތަހުގީގުކުރަން ފުލުހުންނަށް އަންގާފަ އެވެ.

ސޮބާހް ޑިސްޓްރިކްޓްގެ ފުލުހުންގެ ވެރިޔާ ޖަލާލުއްދީން އަބްދުއްރަހުމާން ވިދާޅުވި ގޮތުގައި އެ މީހުންގެ މައްޗަށް އާއްމު މަސްލަހަތު ނަގާލުމުގެ ކުށުގެ ދައުވާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެ މީހުން ތިން މަހަށް ޖަލަށް ނުވަތަ ޖޫރިމަނާ އަކާ ކުރިމަތި ލާންޖެހޭނެ އެވެ.