އެހެން ކުލަބުތަކަށް ކުރިމަތި ވެފައިވާ މާލީ މައްސަލަތަކާ މެދު މާޒިޔާއިން ހިތާމަ ކުރާ ކަމަށާއި، އެ ހާލަތަށް ނުގޮސް މާޒިޔާ ސަލާމަތްވީ ދުރާލައި އެ ކުލަބުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު 'އިންމަ' ބުނެފި އެވެ.
އެހެން ކުލަބުތަކަށް މާލީ މައްސަލަ ކުރިމަތި ވެފައިވާއިރު އެ ޓީމު ތަކާ ދެކޮޅަށް ކުޅޭއިރު މާޒިޔާއަށް އެޑްވާންޓޭޖު އޮތުމުން އެކަމުގެ ފައިދާ ކިހާވަރަކަށް ނެގިދާނެތޯ ސުވާލު ކުރުމުން އިންމަ ބުނީ، އެހެން ކުލަބުތަކަށް އެ ހާލަތު ދިމާވުމަކީ މާޒިޔާއަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޫން ކަމަށާއި އެޑްވާންޓޭޖެއްވެސް އެކަމުން ނުނެގޭނެ ކަމަށެވެ.
"ބަޔަކަށް ދެރައެއް ލިބުނީމަ އެކަމުން ހިތްހަމަޖެހުމެއް އަޅުގަނޑުމެން ފާހަގައެއް ނުކުރަން،" އޭނަ އާ ކުރިމަތި ކުރި ސުވާލަށް އިންމަ ޖަވާބު ދިނެވެ. "ތި ބުނާ ކަހަލަ ހާލަތެއް ޓީމަކަށް ދިމާވީމަ އެއީ އެޑްވާންޓޭޖަކަށް ވުރެ ބޮޑަށް ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް، އެކަމާ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން."
"ދެން ތިބުނުއްވިހެން ބައެއް ޓީމުތައް ޕްރެކްޓިސް ނުކޮށް މެޗަށް އަންނައިރު، މީގައި (ރަނގަޅަށް) އޮންނަ ޓީމަށް ބައެއް ފަހަރު ޑިސް އެޑްވާންޓޭޖު ކުރިމަތިވޭ ހާލަތު ދިމާވާ ގޮތުން، އޭގައި ވާގޮތަކީ އެ ކުޅުންތެރިން ދަނޑުމަތީގައި ކުޅޭނީ، ދަށްވިޔަސް އެއްވެސް ކަހަލަ ޕްރެޝަރެއް ނެތި ކުޅޭނީ، މޮޅަށް ކުޅެވެސް ފާނެ، އެހެންވީމަ އޭގައި އަޅުގަނޑުމެންނަށް ޑިސް އެޑްވާންޓޭޖު އޮންނާނެ."
އޭނާ ބުނީ، މާޒިޔާއަށް ވެސް މާލީ ގޮތުން ދަތި ހާލަތު، ކުރިން ކުރިމަތިވި ކަމަށާއި ނަމަވެސް މާޒިޔާއިން ދުރާލާއި އެޅި ފިޔަވަޅުތަކުގެ ސަބަބުން މުސާރައިގެ މައްސަލަ ނުޖެހި މި ސީޒަން މާޒިޔާއަށް ނިންމާލެވޭނެ ކަމަށެވެ.
"މިދުވަސް އަންނާނެކަން އަޅުގަނޑުމެންނަށް އެނގޭ، ދުރާލައި އަޅުގަނޑުމެންގެ މެނޭޖުމެންޓުން ފިޔަވަޅު ތަކެއް އެޅުނީމަ، މިހާލަތަށް އަޅުގަނޑުމެން ނުދިޔައީ،" އިންމަ ވާހަކަ ދެއްކި އެވެ. "އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އެއްވެސް ކުޅުންތެރިޔަކަށް މުސާރަ ނުދީ ނުހުންނާނެ، މެނޭޖުމެންޓުން އެޅި ފިޔަވަޅުތަކުން އަޅުގަނޑުމެން ޓީމު ސަލާމަތްވީ."
މާޒިޔާ ފިޔަވައި އެހެން ހުރިހާ ކުލަބަކަށް ވަނީ މާލީ މައްސަލަތައް ކުރިމަތިވެފަ އެވެ. ކުރީގެ ގަދަ ބާރު ވިކްޓަރީ އޮތީ ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. ކުލަބު ތެރޭގައި ދިމާވި މައްސަލަތަކާއި ހުރެ، ރޭ ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމުން ހާޒިރެއް ނުވެ އެވެ. ފުރަތަމަ ޑިވިޝަންގެ ބައެއް ސީނިއާ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެ ކުޅުންތެރިން ވަނީ ޕްރެކްޓިސް މެދު ކަނޑާލާފަ އެވެ.