ހަބަރު

އިމްރާން ހާން ރާއްޖެ ވަޑައިގަންނަވަން އިބޫ ދައުވަތުދެއްވައިފި

އިބްތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އަށް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު އަރުވައިފި އެވެ.

ޕާކިސްތާނުގެ ރިޕޯޓްތައް ބުނާގޮތުން އިބޫ އިމްރާން ހާނަށް ރާއްޖެ ވަޑައިގެންނެވުމުގެ ދައުވަތު ދެއްވާފައިވަނީ، މަރުހަބާ ދެންނެވުމަށް އިމްރާން އިބޫއަށް ކުރެއްވި ފޯންކޯލުގަ އެވެ. އިބޫ ވަނީ ދެފަރާތަށް ފަސޭހަ ތާރީހެއްގައި މާލެ ވަޑައިގެންދެއްވުމަށް އިމްރާނަށް ދައުވަތު ދެއްވާފަ އެވެ. އަދި އިމްރާން އިބޫގެ ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށް ވެސް ޕާކިސްތާން ތުޑޭ އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ހަފްތާގެ ހޯމަދުވަހު އިބޫއަށް މަރުހަބާ ދެންނެވުމަށް ގުޅުއްވައި އިމްރާން ހާން ވަނީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިބޫގެ ވެރިކަމެއްގައި އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށާއި އެކަން އޮމާން ކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ އުންމީދުގައި ތިއްބެވި ކަމަށް ވިދާޅުވފަ އެވެ.

އިމްރާނަށް ރާއްޖެ ވަޑައިގަންނަން ދައުވަތު ދެއްވާފައިވާއިރު އިބޫ ވަނީ އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ވެސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ. އަދި ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައަށް ވެސް ވަނީ އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދެއްވާފަ އެވެ.

ރައީސް ކަމުގެ ހުވާ އިބޫ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.