ހަބަރު

އާ މަޝްރޫއުތަކަށް ހުޅުވާލުން މަޑުޖައްސާލަން އެދިއްޖެ

އާ މަޝްރޫއުތަކަށް ޓެންޑާއަށް ހުޅުވާލުން މަޑު ޖައްސާލުމަށް އިންތިހާބީ ރައީސްގެ އޮފީހުން ފިނޭންސް މިނިސްޓްރީގައި
އެދިއްޖެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިޔަށް ގެންދާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުން ފިނޭންސް މިނިސްޓްރީއަށް މިއަދު ފޮނުވި ސީޓީގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި އިބޫ އިންތިހާބުވުމާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. އެހެންކަމުން އާ މަޝްރޫއުތައް ނުފެށުމަށާއި ޓެންޑަރަށް ހުޅުވާލުމާއި ދައުލަތުގެ ނަމުގައި ލޯނު ނެގުން މަޑު ޖައްސާލަން އިބޫ އެދިވަޑައިގަނަންނަވާ ކަމަށެވެ.

އޭގެ އިތުރުން ދައުލަތުން މާލީ ޒިންމާ އުފުލަން ޖެހިދާނެ އެއްވެސް މުއާމަލާތެއް ވެސް ނުކުރުމަށް އިބޫ އެދިވަޑައިގަންނަވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އިންތިހާބު ބަދަލުވުމުގެ މަރުހަލާގެ ކަންކަން އިދިކޮޅު ޕާޓީތަކުގެ ފަރާތުން ކުރިިޔަަށް ގެންދަނީ އެމްޑީޕީގެ މެންބަރު އަބްދުﷲ ޝާހިދު އެވެ. ސަރުކާރުގެ ފަރާތުން އެ މަސައްކަތް ކުރުމަށް ޓްރާންސިޝަން ޑީޖީއެއްގެ މަގާމް އަދާ ކުރައްވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރައްވާ ހ. ސީވީޑް، އަހުމަދު ލަތީފް އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން ބުނެފައި ވަަނީ މިހާތަނަށް ވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަމަށް ސަރުކާރުން އެއްބާރުލުންދޭ ކަމަށާއި އެ މަސައްކަތް އޮމާންކަމާއެކު ކުރިޔަށްދާ ކަމަށެވެ.