ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އާއިލާއެއް ގުޅުވާލަދިން އުފާވެރި ވަގުތުކޮޅު މި ފޮޓޯއިން

ދުރުގައި ތިބޭތާ އެތައް ދުވަހަކަށް ފަހު އާއިލާއެއް ބައްދަލުވެ، އުފާ ފާޅުކުރަމުން ދިޔައިރު އެކަން ހަގީގަތަކަށް ހަދައިދިން މެދުވެރިޔާ ހުންނެވީ ހިނިތުންވުމާއި ހިތްހަމަޖެހުމާއެކު ބަލަހައްޓައިގެންނެވެ. ޖަޒުބާތުތައް ބަންޑުންވި ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. އެއީ އާއިލާއެއްގެ ދެމެދުގައި އޮންނަ ވަރުގަދަ ލޯބި ކިޔައިދޭ އުފާވެރި ކަމުގެ ވަގުތުކޮޅެކެވެ.

އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އަހަރަކަށްވުރެ ގިނަ ދުވަހު އުޅުއްވުމަށްފު ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އިއްޔެ އެނބުރި ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ އަނބިކަބަލުންނާއި ދަރިންނާ ބައްދަލުވި މި އުފާވެރި ވަގުތުކޮޅުގެ މަންޒަރު ކުރަހައިދީފައިވަނީ އެމްޑީޕީގެ ފޮޓޯގްރާފަރެވެ. އޭނާ ނަގާފައިވާ އެ ފޮޓޯ އެމްޑީޕިއިން ސޯޝަލް މީޑިއާއަށް ވަނީ ދޫކޮށްލާފައި އެވެ. އެއީ އެތައް ވާހަކައެއް ކިޔައިދޭ ބާރުގަދަ ފޮޓޯއެކެވެ.

ފޮޓޯ ކޮންމެ މީހަކަށް ވެސް ބޭއިހްތިޔާރުގައި ބުނެވުނީ، "ހާދަ އުފާވެރި ފޮޓޯއެއް" ކަމަށެވެ.

ގާސިމް ހައްޔަރުކުރުމަށްފަހު އޭނާ ދެއްވި ހުރިހާ އިންޓަވިއުއެއްގައި ވެސް އަބަދުވެސް ފާހަގަކުރައްވާ ކަމެއް އޮވެ އެވެ. އެއީ އޭނާގެ އާއިލާއާ ދުރުގައި ހުންނަވަން ޖެހުމުން ކުރާ ހިތާމައިގެ ވާހަކައެވެ. އޭނާގެ ހަގު އަނބިކަނބަލުން ވެސް އެ ހިތްދަތިކަމުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތެވެ. އެކަމަނާގެ ހިތުގައި އަޅާވޭން އާންމު ރައްޔިތުންނަށް ބުނެދެއްވަމުން ގެންދެވީ ވޭނާއި ހިތްދަތިކަމުގެ ތެރެއިން އެވެ.

ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ ވިދާޅުވެފައިވާ ގޮތުގައި ގާސިމްއާ ނުލާ އޭނާގެ ހަ ދަރިން އުޅެމުން ދިޔައީ ވަރަށް ހިތްދަތިކަމުގަ އެވެ. އުމުރުން ހަގު އެ ހަ ދަރިން ވެސް ބައްޕައަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ދިޔަ އެވެ.

އެ ކުދިން ވަނީ ގާސިމްގެ ގައިގާ އޮޅުލާ، އުފަލުން ރޮއެފަ އެވެ. ބައެއް ކުދިން ގާސިމްގެ ގައިން ދޫވެސް ނުކޮށްލި އެވެ. އެވަގުތު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް އެތަނުގައި ހުންނެވި އެވެ. އިންތިހާބީ ރައީސް ވެސް ހުންނެވީ ފެންކަޅިވެފަ އެވެ. އާއިލާއެއް ގުޅުވާލަ ދިނުމުގެ މެދުވެރިއަކަށް ވެވުމަކީ އިންތިހާބީ ރައީސްއަށް ލިބުނު އުފަލެކެވެ. ގާސިމަށް އާއިލާއާ ބައްދަލުކުރެވޭނެ ގޮތް ހައްދަވައިދެއްވާނެކަން އެއީ އިބޫގެ ވައުދެކެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވިއިރު އިބޫ ވަނީ ތަކުރާރުކޮށް އެހެން ވިދާޅުވެފަ އެވެ. ވެރިކަމާ އަދި ހަވާލުވެވަޑައިގެންފައިނުވަނީސް އެ ވައުދު ފުއްދިފައިވާތީ އިބޫގެ މޫނު މަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އެއީ އެތައް ބަޔަކަށް ޖަޒުބާތުތައް ބަންޑުންވި ވަގުތެކެވެ.

ގާސިމްގެ އެހެން ބޭފުޅުން ވެސް އިއްޔެ އެއާޕޯޓަށް ވަޑައިގެން ވަނީ ގާސިމަށް މަރުހަބާ ދަންނަވައިފަ އެވެ. ގާސިމް ވަނީ ހަގު އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފަ އެވެ. ގާސިމް ވިދާޅުވީ އޭނާ ނެތް ހާލަތުގައި ކުޑަކުޑަ ހަ ދަރިން ދޫކޮށްލައި އައިޝާ ކުރެއްވީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އައިޝާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ "ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން" އެވެ. އެކަމަކު އެކަމަނާގެ ހިތުގައި އަޅަމުން ދިޔަ އެ ވޭންތަކަށް މިހާރު ވަނީ ނިމުން އައިސް އުފާވެރިކަން ގެނެސްދީފަ އެވެ.