ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
ޕީޕީއެމުން ބުނީ، އެމްޑީޕީ އެކްޓިވިސްޓަކު ނިހާނަށް މަރުގެ އިންޒާރުދިން މައްސަލައެއް މިއަދު ހަވީރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕް އިން މާފަށް އެދުމަށްވެސް ޕީޕީއެމުން ގޮވާލާފައި ވެއެވެ.
އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް ނިހާން އަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބުދީފައިނުވާތީ އިތުރު މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.
ނިހާނަށް މަރުގެ އިންޒާރު ދީފައިވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް މަރުގެ އިންޒާރުދިން މައްސަލައެއްވެސް ވަނީ އޭނާގެ ފަރާތުން ފުލުހަށް ހުށަހަޅާފަ އެވެ. އޭނާއަށް އިންޒާރު ދީފައިވަނީ ފޭސްބުކް އިން މެސެޖް ކޮށްފަ އެވެ.
މީގެ އިތުރުން އިލެކްޝަން ކޮމިޝަނު މެންބަރު އަލީ ނަޝާތުގެ އާއިލާއަށް އެކި ފަރާތްތަކުން ބިރު ދައްކަމުން ގެންދާ ކަމަށް އެކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި އީސީގެ ސެކެރެޓަރީ ޖެނެރަލް ސޮލާހު ރަޝީދަށް ވެސް ވަނީ ބަޔަކު މަރުގެ އިންޒާރު ދީފަ އެވެ. އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ މަގުމަތިން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން އެވެ. މި ދެމައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ސާފެއް ނުވެ އެވެ.