ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަދަމުން ދަނިކޮށް ބަޔަކު ގަދަކަމުން ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވި މައްސަލަ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީޕީއެމް އިން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ގަލޮޅު ދަނޑުގައި މިއަދު ހިނގާދިޔަ ހަމަނުޖެހުންތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަމަނުޖެހުން ހިންގި މީހުން ގެންގުޅުނު ދިދަ ތަކަކީ ޕީޕީއެމްގެ ދިދަތަކެއް ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ ވިދާޅުވީ ޕީޕީއެމްގެ އެކި ހަރަކާތްތަކަށް ތައްޔާރުކުރާ ދިދައާއި އެހެންވެސް ތަކެތި ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން އަބަދުވެސް ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް އެގޮތަށް ތަކެތި ދޫކުރަނީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ހިލާފު އަމަލުތައް ނުހިންގުމަށް ޝަރުތުކޮށްފައި ކަމުގައިވެސް ވިދާޅުވި އެވެ.
މިއަދުގެ ހަމަނުޖެހުންތަކަކީ ޕީޕީއެމްއާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމަށާއި އަދި އެފަދަ ހަމަނުޖެހުންތަކަށް އެޕާޓީން ހިތްވަރު ނުދޭ ކަމުގައިވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީ ބުނީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިބާވަތުގެ ނުބައި އަދި އަނިޔާވެރި އަމަލުތަކަކީ ރާއްޖެ ފަދަ ސުލްހަވެރި ޑިމޮކްރެޓިކް މުޖުތަމައެއްގައި އެއްވެސް ޖާގައެއް އޮންނަންވާނެ ކަމެއް ކަމަކަށް އެމްޑީޕީން ނުދެކޭ ކަމަށްވެސް އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ. މައްސަލަ ތަހުގީގު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔާ ބުނެފައިވަނީ މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭ ގޮތަށް މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރަމުންދާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.