ވިޔަފާރި

"އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

Oct 6, 2018

ރާއްޖޭގެ ރީތިކަން ދައްކުވައިދޭ "އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ ހެދުމުގެ މުބާރާތުގެ ޕާޓްނަރުންނާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެ އިޝްތިހާރު ކުރުމުގައިވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާ މި ވީޑިއޯ ހެދުމުގެ މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އެވެ. އަދި ކޯ-ސްޕޮންސާގެ ގޮތުގައި ހަމަޖައްސާފައިވަނި ޔޫރޯ ސްޓޯރް އާއި ޓެކް ސްޓްރީޓް އެވެ.

މި މުބާރާތުގައި މޫދު އަޑީގެ މަންޒަރުތަކާއި ރާއްޖޭގައި ކުރިއަށް ގެންދާ މޫދު ކުޅިވަރުތައް އަދި ރަށްރަށަށް ގޮސް ކުރިއަށް ގެންދާ "އައިލެންޑް އެކްސްކާޝަން" ފަދަ މަންޒަރުތައް ދައްކުވައި ދެވޭނެ އެވެ. މި މުބާރާތުގެ އެއްވަނައަށްދާ ފަރާތްކަށް 120،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. މި މުބާރާތަށް ހޮވޭ އެންމެ މޮޅު 10 ވީޑިއޯއެއް ނަގައި ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ރާއްޖެ ބައިވެރިވާ ފެއާތަކުގައި ދެއްކުމުގެ އިތުރުން ވިޒިޓްމޯލްޑިވްސް ޔޫޓިއުބް ޗެނަލްގައި ވެސް ދައްކާނެ އެވެ.

"އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ މުބާރާތަށް އުފައްދާ ވީޑިއޯތައް ފޮނުވުމުގެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 26 ވަނަ ދުވަހެވެ. އަދި އިނާމު ދިނުން އޮންނާނީ ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާގަ އެވެ.