ހަބަރު

މިދުވަސްވަރު ސަރުކާރުން ކުރާ މުއާމަލާތްތަކަށް ހިތްވަރު ނުދޭން ގޮވާލައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާކުރެއްވުމާ ހަމައަށް މި ހިނގާ ދުވަސްތަކަކީ އާ މުއާމަލާތްތަކެއް ހިންގުމަށް މި ސަރުކާރަށް ގާނޫނީ ހުއްދަ ލިބިގެންވާ ދުވަސްވަރަކަށް ނުވާތީ، އެފަދަ މުއާމަލާތްތައް ހިންގުމަށް އެއްބާރުލުން ނުދޭން އިބޫގެ ޓްރާންސިޝަނަލް ޓީމުން ދައުލަތުގެ މުވައްޒިފުންނަށް ގޮވާލައިފި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހްގެ ޓްރާންސިޝަން ޓީމުން މިހާރު ކުރަމުންދާ މަސައްކަތްތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން، އެ ޓީމުގެ ޗެއާމަން އަބްދުﷲ ޝާހިދު ވިދާޅުވީ، އާ ސަރުކާރެއް ވެރިކަމާ ހަވާލުވާން ތައްޔާރުވަމުންދާއިރު، މިދުވަސްވަރުވެސް ސަރުކާރުގެ ތެރެއިން އާ މުއާމަލާތްތައް ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އޭގެ ތެރޭގައި ފްލެޓް ވިއްކުމާއި ގޯތި ދޫކުރުމާއި މިނޫނަސް ސަރުކާރުގެ މުދާ އުސޫލެއްނެތި ވިއްކުން ފަދަ ކަންކަން ކުރުމާއި މުސާރައާއި އިނާޔަތް ބޮޑުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. މި ފަދަ ކަންކަމަކީ މި ސަރުކާރަށް ގާނޫނީ ހުއްދަ ލިބިގެން ކުރާ ކަންކަންކަމަށް ނުވާތީ ސަރުކާރުން މި ދުވަސްވަރު ހިންގާ މިފަދަ މުއާމަލާތްތަކަށް އެއްބާރުލުން ނުދިނުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

"ޓްރާންސިޝަންގެ މި ދުވަސްވަރަކީ އެފަދަ ކަންތައްތަކަށް ޖާގަ ލިބިދޭ މުއްދަތެއް ނޫން. މިފަދަ ޓްރާންސިޝަނަލް މުއްދަތެއްގައި ދައުލަތުގެ އެސެޓެއް ވިއްކާނަމަ އެކަމުގައި އިހުލާސްތެރިކަމެއް ނުވާނެ. އެކަމުގެ މައުލޫމާތު ލިބުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެކަން ހުއްޓުމަށް އެފަރާތްތަކަށް އަންގަވާފައިވޭ. ސިޓީގައި އެފަދަ ކަންކަން ހުއްޓާލުމަށް ދަންނަވާފައިވާނެ،" ޝާހިދު ވިދާޅުވި އެވެ.

ޓްރާންސިޝަނަލް މުއްދަތުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ކުރަމުންދާ މިފަދަ ކަންކަމަކީ އާ ސަރުކާރަކުން ބަލަންޖެހޭ ކަންކަމަށް ވުމުން، އެ މުއާމަލާތްތަކުގައި ޝާމިލުވާ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

"މިހާރު އެ ހިނގާ ކަންކަމަކީ އެއްވެސް ކަހަލަ އިހްލާސްތެރިކަމެއް ނެތް ކަންކަން. ދައުލަތުގެ މުދާ އުސޫލްތަކުން ބޭރުން ވިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެއްވެސް ވަރަކަށް ޖާގަ ލިބިގެން ނުދާނެ ކަމެއް ކަމުގައި ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރު ބަދުލުކުރުމުގެ މަރުހަލާގެ މަސައްކަތްތައް ވަރަށް ފަސޭހަކަމާއެކު މި ސަރުކާރުގެ ވެސް އެއްބާރުލުމާއެކު ކުރިއަށްދާ ކަމަށް ޝާހިދު މިއަދު ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުގެ 15 މިނިސްޓްރީގެ ތެރެއިން ނުވަ މިނިސްޓްރީއެއްގެ ބޭފުޅުންނާއި މިނިސްޓަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާއިރު، ސަރުކާރުގެ އަށް ކުންފުންޏަކަށް ވެސް މިހާތަނަށް ވަނީ ޒިޔާރާތްކޮށްފައިވާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ޓްރާންސިޝަނަލް މަސައްކަތުގައި ރައީސް އޮފީސް ވެސް ހިމެނޭ ގޮތަށް، ސަރުކާރުގެ މިނިސްޓްރީ ތަކާއި ކުންފުނިތަކުން ވެސް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. ބޭނުންވާ މައުލޫމާތުތައް ބަރާބަރަށް ލިބި އެއްވެސް ދަތިކަމެއްނެތި ކަންކަން މަގުފަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މަސައްކަތްތައް މިހާރު ފަށައިއިގެން ބޮޑަށް ފޯކަސް ބައްޓާފައިވަނީ މިހާރުވެސް މި ސަރުކާރުން ދެމުންދާ ހިދުމަތްތައް އާ ސަރުކާރުގެ ފުރަތަމަ ދުވަހުވެސް މެދުކެނޑުމެއްނެތި ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް.. މި މަސައްކަތް ވަރަށް ރޫހުގަ ކުރިއަށް ގެންގޮސް ނިމިގެންދާނެ ކަމަށް ގަބޫލުކުރަން،" ޝާހިދު ވިދާޅުވި އެވެ.

އިބޫގެ ޓްރާންސިޝަނަލް ޑިރެކްޓާ ޖެނަރަލް އަހުމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ޝާހިދު ވަނީ ޓްރާންސިޝަންގެ މަސައްކަތްތައް ކުރިއަށްދާ ވަރަކުން މައުލޫމާތުތައް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މީޑިއާޔާ ހިއްސާކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.