މިއުޒިކް

ސިމްބޮލިކްގެ މާސްޓަޕީސް "މާރޯކާ" ބުދަ ދުވަހު ނެރެނީ

ތަފާތު ސްޓައިލުގެ ދިވެހި ލަވަތައް ގެނެސްދީފައިވާ ސިމްބޮލިކް ރެކޯޑްސްއިން އަނެއްކާވެސް ތަފާތު މަސައްކަތެއް ފޭނުންނަށް ދޫކޮށްލުމަށް މިހާރު ތިބީ ތައްޔާރަށެވެ. ފުރަތަމަ ދިވެހި ހިޕްހޮޕް ސޯލޯ އަލްބަމް، "މާރޯކާ" ދޫކޮށްލަނީ އެވެ. މި އަލްބަމްގެ ލަވަތައް ކިޔާފައި ވަނީ ސިމްބޮލިކްގެ އާޓިސް، މާޓު އެވެ.

"މާސްޓަޕީސް" އަލްބަމެއްގެ ގޮތުގައި ސިމްބޮލިކްއިން ސިފަކުރާ މި އަލްބަމް ރިލީޒްކުރާނީ އަންނަ ބުދަ ދުވަހު އެވެ. އަލްބަމް ރިލީޒްކުރުމަށް ހާއްސަ ޝޯއެއްވެސް ބާއްވާނެ އެވެ. ކްލަމް360 ގައި އޮންނާނެ އެ ޝޯގައި ސިމްބޮލިކްގެ ހުރިހާ އާޓިސްޓުން ޕާފޯމްކުރާނެ އެވެ.

ޓިކެޓް ނަގައިގެން ފޭނުންނަށްވެސް ޝޯ ބަލާލުމަށް ވަދެވޭނެ އެވެ. މި ޝޯގެ ޓިކެޓް 150 ރުފިޔާއަށް މިހާރު އަންނަނީ ވިއްކަމުންނެވެ. ޝޯގެ ތެރެއިން ފޭނުންނަށް އެމީހުންގެ ފޭވަރިޓް އާޓިސްޓުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ސިމްބޮލިކްއިން ބުނެ އެވެ.

"މާރޯކާ" އަލްބަމް ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރީ އޯޑާ ކުރެވޭނެ އިންތިޒާރުމުވެސް މިހާރު ވަނީ ހަމަޖައްސާފައި އެވެ. ސިމްބޮލިކްގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ޕްރީ އޯޑާ ކުރެވޭނެ އެވެ.

"މާރޯކާ" އަލްބަމްގެ ޕްރޮމޯޝަނަލް ލަވަ.

ސިމްބޮލިކްގެ ކްރިއޭޓީވް ޑައިރެކްޓަރު، އިސްމާއިލް ނާއިލް (ބްލަޑް) ބުނީ، މި އަލްބަމްގައި ތަފާތު ރޭންޖުތަކުގެ ލަވަތައް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ލޯބީގެ ލަވަތަކާއި ސިޔާސީ، ތާރީހީ، މަޖާ، ބިރުވެރި އަދި މާޓުގެ އަމިއްލަ އިހުސާސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލަވައެއްވެސް ހިމެނޭނެ ކަމަށެވެ.

"މި އަލްބަމްގެ ލަވަތަކުގެ ލިރިކްސްއަކީ ވަރަށް ބުރަ އަދި ފުރިހަމަ ލިރިކްސްތަކެއް. ޗެލެންޖުކޮށްފައި ބުނަން ކެރޭ މި ލަވަތަކުގެ ލިރިކްސްއަކީ މާސްޓަޕީސް ލެވެލްގެ ލިރިކްސްތަކެއްކަން، ލިރިކަލީ މިއީ ހަމަ އެންމެ މޮޅު އަލްބަމަށް ވާނެ،" ނާއިލް ބުންޏެވެ.

މި އަލްބަމްގެ ޕްރޮމޯޝަނަލް ލަވައެއް ވެސް މިދިޔަ މަހު ދޫކޮށްލާފަ އެވެ. "ރަސްކަމެއް" ކިޔާ އެ ލަވައަށް ގިނަ ބައެއްގެ ތަރުހީބުު ވެސް ވަނީ ލިބިފަ އެވެ.