ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑް އަނެއްކާވެސް ބަލިވެއްޖެ

ސްޕެނިޝް ލީގްގައި، ޑިޕޯޓިވޯ އަލަވޭޒް އަތުން ރެއާލް މެޑްރިޑް ބަލިވެ، ޖެހިޖެހިގެން ދެ މެޗުން އެ ޓީމަށް ނާކާމިޔާބު ވެއްޖެ އެވެ. އަލަވޭޒް މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ.

މިއީ މޮޅު ނުވެ ރެއާލުން ނިންމާލި ޖެހިޖެހިގެން ހަތަރު ވަނަ މެޗެވެ. އެ ހަތަރު މެޗުގައި އެ ޓީމަށް ލަނޑެއްވެސް ކާމިޔާބު ކުރެވިފަ އެއް ނެތެވެ. ރޭ އަލަވޭޒްއާ ދެކޮޅަށް ކުޅުނު މެޗުގައި، ރެއާލުން ބޯޅަ ކޮންޓްރޯލު ކޮށްގެން ރަނގަޅަށް ކުޅުނު ނަމަވެސް، އެ ޓީމަށް އަލަވޭޒްގެ ގޯލް ފޫއަޅުވާ ލެވޭ ވަރުގެ ކަމެއް ނުކުރެވުނެވެ.

އަލަވޭޒްގެ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ، މަނޫ ގާސިއާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ރެއާލްގެ ކޯޗު ހުލެން ލޮޕެޓެގީ ބުނީ، ރެއާލް މެޑްރިޑްގެ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި އެހުރިހާ ޒިންމާއެއް އޭނާ ނަގާ ކަމަށެވެ. އޭނާ ބުނީ އެ ހާލަތަށް ވެއްޓުމުގައި ކުރިމަތި ވެފައިވާ އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

ރޭ ގެ މެޗުގައިވެސް، ބޭލްއަށް އަނިޔާވުމުން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. ނަމަވެސް އޭނާގެ އަނިޔާ އެހާ ސީރިއަސް ކަމަކަށް ނުބެލެވެ އެވެ.

ވާދަވެރި ބާސެލޯނާ މިރޭ ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ރެއާލްއަށް ވުރެ ތިން ޕޮއިންޓް ކުރިއަށް ޖެހިލެވޭނެ އެވެ.