ދުނިޔެ

ސައުދީ ނޫސްވެރިއަކު ތުރުކީގައި ގެއްލިގެން ހޯދަނީ

Oct 7, 2018

އިސްޓަންބުލް (އޮކްޓޮބަރު 7) - ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއަކު ގެއްލިގެން ތުރުކީ ސަރުކާރުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ސީދާ ފާޑުވިދާޅުވާ ނޫސްވެރިއެއްކަމަށްވާ ޖަމާލް ކަޝޯގީ އެންމެ ފަހުން ފެނިފައިވަނީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ވަންނަނިކޮށެވެ.

ތުރުކީ ސަރުކާރުން ތުހަމަތު ކުރާ ގޮތުގައި ޖަމާލް ވަނީ ސައުދީ އެމްބަސީ ތެރޭގައި މަރާލައިފަ އެވެ. ނަމަވެސް، އެ ތުހުމަތުތަކުގެ އެއްވެސް ހެއްކެއް ނުވަތަ އެކަން ކުރި ގޮތެއް ތުރުކީ ސަރުކާރުން މިހާތަނަށް ބުނެފައެއްނުވެ އެވެ.

މި މައްސަލައާއި ގުޅޭގޮތުން ސައުދީ ސަރުކާރުން ވެސް ރަސްމީކޮސް އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ. ނަމަވެސް، ސައުދީ އެމްބަސީ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް އިން ބުނީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ބްލޫމްބާގު ނޫހަށް ދެއްވި އިންޓަވިއު އެއްގައި، މުހައްމަދު ބިން ސަލްމާން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، ސައުދީ އެމްބަސީ ހުންނަ އިމާރާތް ބަލާ ފާސްކުރުމަށް ތުރުކީ ސަރުކާރަށް ދައުވަތު ދެއްވައިފަ އެވެ.

"އޭނާ އަކީ ސައުދީ ރައްޔިތެއް، އޭނާއަށް ވީ ގޮތެއް ބަލަން އަޅުގަނޑުމެން ވެސް ބޭނުން، އެހެންކަމުން އޭނާއަށް ވީގޮތެއް ބެލުމަށް އަޅުގަނޑުމެންވެސް މިދަނީ ތުރުކީ ސަރުކާރާއެކު ވަރަށް ގާތުން މަޝްވަރާކުރަމުން،" މުހައްމަދު ބިން ސަލްމާން ބްލޫމްބާގަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާއި ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަންކަމަށްވެ އެވެ. އޭނާ ކައިވެނި ކުރަން އުޅޭ އަންހެން މީހާއާއެކު އެމްބަސީއަށް ދިޔަ ނަމަވެސް، އަންހެން މީހާ މަޑުކުރީ އިމާރާތުގެ ބޭރުގައިކަމަށް ވެސް ވެ އެވެ. ޖަމާލް އިމާރާތުން ނުކުމެފައިނުވާކަމަށް އެ އަންހެން މިހާ މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.