މިއީ ތާލިބާން ހަނގުރާމަވެރިން އެއް އިރެއްގައި ބާރުގަދަކޮށްގެން އުޅުނު ޕާކިސްތާނުގެ މަޝްހޫރު ލާލް މިސްކިތުގެ އިމާމެވެ. މިސްކިތުގެ އިމާމުގެ އިތުރުން އޭނާ އަކީ ޕާކިސްތާނުގެ ތާލިބާނުންގެ ޖަމާއަތް، ތަޚްރީކީ ތާލިބާނުންގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެވެ.
އޭނާ ހައްޔަރުކުރުމަށް އަމުރު ނެރެފައި މި ވަނީ އެކަމަށް ގޮވާލައި މިސްކިތުގެ ބޭރުގައި އާންމުން ކުރަމުންދާ މުޒާހަރާތައް ހޫނުވެފައި ވަނިކޮށެވެ.
މުޒާހަރާގެ ބައިވެރިންނަށް ބިރު ދެއްކި މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތުތަކެއް އުފުލައިފަ އެވެ. މި މައްސަލާގައި ހިތްހަމަނުޖެހިފައި ހުރި އިމާމު ބުނަނީ އޭނާގެ މައްސަލަ އަކީ ވަރަށް ވެސް ކުޑަ މައްސަލައެއް ކަމަށާއި ޕާކިސްތާނު ސަރުކާރުން މި އަށް ވުރެ ބޮޑެތި މައްސަލަތަކަށް ސަމާލުކަން ދިނުން ބުއްދިވެރިވާނެ ކަމަށެވެ.
މި އިމާމަކީ ހަރުކަށި ކަމަށް މަޝްހޫރު އިމާމެކެވެ. މިފަދަ މައްސަލަތަކުގައި އާންމުކޮށް އާންމުންވާ ހިޔާލުތަފާތުވާ އިމާމް މި އަހަރު އޭނާގެ ސްކޫލެއްގެ ލައިބްރަރީގެ ނަން އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ނަމަށް ބަދަލުކުރި މައްސަލައެއް ވެސް ހޫނުވެފައިވެ އެވެ.
އިމާމު ހައްޔަރުކުރަން އަމުރު ނެރެފައިވިޔަސް ލާލު މިސްކިތުގެ އޮފިޝަލުން ވިދާޅުވަނީ ކަމާ ބެހޭ ފަރާތްތަކާ އޭނާ ހަވާލުނުކުރާނެ ކަމަށެވެ.
ތާލިބާން ހަނގުރާމަވެރިން ޕިޝާވަރުގެ ސްކޫލަށް ދިން ހަމަލާގައި 152 މީހަކު މަރާލާފައިވާއިރު އޭގެ ތެރޭގައި 133 ކުދިން ހިމެނެ އެވެ. ތާލިބާނުންނަކީ ދަރިންނަށް ތައުލީމު އުނގަންނައި ދިނުމާ ވަރަށް ދެކޮޅު ބައެކެވެ.