ދުނިޔެ

ގެއްލުނު ސައުދީ ނޫސްވެރިޔާ މަރާލި ކަމުގެ ތުހުމަތު ތުރުކީން ކޮށްފި

Oct 7, 2018
2

އިސްޓަންބުލް (އޮކްޓޯބަރު 7) - ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއަކު ތުރުކީގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި މަރާލި ކަމުގެ ތުހުމަތު ސަރުކާރުން ކޮށްފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ސީދާ ފާޑުވިދާޅުވާ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ކަޝޯގީ އެންމެ ފަހުން ފެނިފައިވަނީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ވަންނަނިކޮށެވެ.

އޭނާ ގެއްލިގެން ތުރުކީ ސަރުކާރުން ތަހުގީގު ފަށާފައިވާއިރު، އޭނާ ސައުދީ އެމްބަސީ ތެރޭގައި މަރާލި ކަމަށް ބެލެވޭ ކަމަށް ތުރުކީގެ އޮފިޝަލަކާ ހަވާލާދީ ބީބީސީގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް، ސައުދީ ސަރުކާރުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. އަދި ޖަމާލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

މި މައްސަލައާއި ގުޅޭގޮތުން ސައުދީ ސަރުކާރުން ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބްލޫމްބާގު ނޫހަށް ދެއްވި އިންޓަވިއު އެއްގައި، މުހައްމަދު ބިން ސަލްމާން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، ސައުދީ އެމްބަސީ ހުންނަ އިމާރާތް ބަލާ ފާސްކުރުމަށް ތުރުކީ ސަރުކާރަށް ދައުވަތު ދެއްވައިފަ އެވެ.

"އޭނާ އަކީ ސައުދީ ރައްޔިތެއް، އޭނާއަށް ވީ ގޮތެއް ބަލަން އަޅުގަނޑުމެން ވެސް ބޭނުން، އެހެންކަމުން އޭނާއަށް ވީގޮތެއް ބެލުމަށް އަޅުގަނޑުމެންވެސް މިދަނީ ތުރުކީ ސަރުކާރާއެކު ވަރަށް ގާތުން މަޝްވަރާކުރަމުން،" މުހައްމަދު ބިން ސަލްމާން ބްލޫމްބާގަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަންކަމަށްވެ އެވެ. އޭނާ ކައިވެނި ކުރަން އުޅޭ އަންހެން މީހާއާއެކު އެމްބަސީއަށް ދިޔަ ނަމަވެސް، އަންހެން މީހާ މަޑުކުރީ އިމާރާތުގެ ބޭރުގައިކަމަށް ވެސް ވެ އެވެ. ޖަމާލް އިމާރާތުން ނުކުމެފައިނުވާ ކަމަށް އެ އަންހެން މިހާ މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް، ސައުދީ ސަރުކާރުން ބުނީ، ލިޔެކިޔުންތައް ފުރިހަމަކޮށްގެން ހަމަ އެ ދުވަހު ޖަމާލް އެމްބަސީ އިން ނުކުމެފައިވާ ކަމަށެވެ.