ހަބަރު

މިދަނޑިވަޅުގައި ގޯތި ދޫކުރަނީ ރައްޔިތުންނަށް ފުރައްސާރަކުރަން: މާރިޔާ

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނުއަގުގައި ގޯތި ދޫކުރަން ހައުސިން މިނިސްޓްރީ އިން ނިންމީ ރައްޔިތުންނަށް ފުރައްސާރަ ކުރުމަށް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު އިއުލާން ކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށެވެ. އަދި ހުރިހާ އިދާރީ މަސައްކަތްތެއް ނިންމާ ގުރުއަތު ނަގައިގެން މި ހަފްތާ ތެރޭގައި ގޯތިދޫކޮށް ނިންމާލުމަ އެ މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އަކަފޫޓަކަށް 400 ރުފިޔާގެ މަގުން އެތަށް އަހަރަކަށް ބަހާލައިގެން ގޯތި ދޫކުރަން ހައުސިން މިނިސްޓްރީ އިން ނިންމީ ހަމަޖެހިފަައިވާ ވަކި ލިސްޓަކަށް ގޯތި ދިނުމަށް ކަމަށާއި އެ މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުމަށް އިތުރަށް ފުރައްސާރަ ނުކުރެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލާ ކަމަށާއި އެގޮތަށް ނުއަގުގައި ބަޔަކަށް ނާޖާއިޒް ފައިދާއެއް ނެގޭ ގޮތަށް ބިން ނުވިއްކުމަށް އެދޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މިގޮތަށް ނުއަގުގައި އަދި ބަޔަކަށް ނާޖާއިޒް ފައިދާއެއް ނެގޭހެން ހީވާ ކަހަލަ ގޮތަށް 400 ރުފިޔާއަށް މާލޭގަ ބިން ވިއްކަވާއިރު މުއޮތް ހުރިހާ ދުވަހު ފަސް އަހަރު ދުވަސް ވެގެން ދިޔަ އިރު ވެސް ހަމަ މި ބިން މިގޮތަށް އޮތް، އިއްޔެ ނޫން އެހަށް ދުވަހަކު ނޫން މި ބިން ހިއްކާފައި ވަނީ އެއް، އެހެންވެ މި ގޮތަށް ކަންތައް ކުރައްވާ ރައްޔިތުންނަށް ފުރައްސާރަ ނުކުރައްވާ ރައްޔިތުންނަށް އިހުތިރާމް ކުރައްވަން ދަސް ކުރައްވަން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

ގޯތި ދޫކުރާ މައްސަލަ އޭސީސީގެ ސަމާލު ކަމަށް ގެނައުމުން އެ ކޮމިޝަނުން ވަނީ އެކަން މަޑުޖައްސަލުމަށް ހައުސިން މިނިސްޓްރީ އަށް އަންގާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައުސިން މިނިސްޓަރީ އިން މިއަދު ނިންމާފައި ވަނީ 1000 އަކަފޫޓުގެ ބިމެއް 400،000 ރުފިޔާއަށް ދޫކުރުމަށެވެ. އެގޮތުން 25،000 ރުފިޔާ ޑައުން ޕޭމަންޓުގެ ގޮތުގައި ދެއްކުމަށް ފަހު ބާކީ ބައި 10 އަހަރުގެ ތެރޭ ދައްކާ ހަލާސް ކުރުމަށް ވަނީ ނިންމައިފަ އެވެ. އެހެންކަމުން ގޯއްޗައް މަހަކު ދައްކަން ޖެހޭނީ 3500 އަށް ވުރެ ކުޑަ އަގެކެވެ.