ހަބަރު

ހުޅުމާލެއިން ގޯތި ވިއްކުން ހުއްޓާލަން އޭސީސީއިން އަންގައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ހައުސިން މިނިސްޓްރީއަށް މިއަދު ސިޓީއަކުން އަންގައިފި އެވެ. ގޯތި ވިއްކަން އިއުލާން ކުރީ މިއަދު އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ސޮއި ކުރައްވައި މިއަދު ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނީ، ހުޅުމާލެއިން ގޯތި ވިއްކަން ހުޅުވާލި ކަންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހުރި ކަމަށް ބެލެވޭތީ އެ މައްސަލަ ބަލައި ނިންމައި ވަކި އެއްޗެއް އަންގަންދެން ގޯތި ވިއްކުން މަޑުޖައްސާލަން އަންގާ ކަމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް މިއަދު މީޑިއާތަކަށް ވިދާޅުވީ، އެކަން ނުކުރުމަށް މީގެ ކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށާއި އެކަން ހުއްޓުވަން ނިންމާފައިވަނީ ސަރުކާރު ޓްރާންސިޝަން މަރުހަލާގައި އޮތުމުން ނޫން ކަމަށެވެ. އެކަން ހުއްޓުވަން އެކޮމިޝަނުން ނިންމާފައިވަނީ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ވިއްކުމަށް ނިންމާފައިވާތީ ކަމަށް ހަސަން ލުތުފީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ވިއްކަން ހުށަހަޅާފައިވާ އަގާއި އެހެން އެއްޗިއްސަށް ބަލާއިރުގައި، ވިއްކަން ހުށަހަޅާފައިވާ އަގަކީ އެތަން ހިއްކަން ހިނގި ހަރަދުވެސް ނުލިބޭ، ނުއަގެއްގައި، އެގޮތަށް އެކަން ކުރާތީ ހުއްޓާލަން އަންގަނީ،" ލުތުފީ
ވިދާޅުވި އެވެ.

ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަނީ، 400،000 ރުފިޔާއަށް ބިމެކެވެ. އަދި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބަކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރާ ގޮތަށެވެ. މިއަދު
ހަވީރު 4:00 އިން ފެށިގެން ފޯމު ދޫކުރަން ފަށާނެ އެވެ.

ލުތުފީ ވިދާޅުވީ، އެޗްޑީސީއަކީ ދައުލަތުުގެ އެސެޓެއް ކަމަށާއި ހައުސިން މިނިސްޓްރީއަކަށް އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ތަނެއް ވިއްކުމުގެ ބާރު ލިބިގެން ނުވާނެ ކަަމަށެވެ.

އެކަމާ ގުޅިގެން އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ޓްރާންސިޝަން ޓީމުން މިއަދު ވަނީ ހަސަން ލުތުފީއާ ބައްދަލުކުރައްވާފަ އެވެ. އެ ޓީމްގައި އިސްކޮށް ހުންނެވީ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މީޑިއާއާ ބައްދަަލުކުރައްވައި އަސްލަމް ވިދާޅުވީ، ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަންކަމަށާއި އެތަންތަން ވިއްކުމާއި ތަރައްގީ ކުރުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށެވެ. އަދި ބިންތައް ވިއްކަން ސަރުކާރުން މަސައްކަތް ކުރުމުން އެޗްޑީސީގެ ބޯޑުން ވަނީި އެބިންތައް ނުވިއްކަން ނިންމާފައި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"އެއްވެސް އާކަމެއް ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ކުރިއަށް ނުގެންދިއުމަށް ނިންމާފައިވަނީ، އެޗްޑީސީގެ ޗެއާމަން ވަނީ އެކަން ނުކުރަން ނިންމާފައިވާކަން ކޮންފާމް ކޮށްދެއްވާފަ، އެޗްޑީސީ ތެރެއިން ނުވީމަ، ހައުސިން މިނިސްޓަރު މުއިއްޒު ބޭނުންވާ ބަޔަކަށް ބިންތައް ދިނުމަށް ކުރެއްވި ކަމެއް ކަމަށް ބެލެވެނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ދައުލަތުގެ ބިން ވަކި ފަރާތަކަށް މަންފާވާނެ ގޮތަކަށް ޓްރާންސްޕޭރެންޓް ޕްރޯސެސްއެއްނެތި، ދައުލަތުގެ އުސޫލުތަކާއި ހިލާފަށް ކުރުމަކީ ވަރަށް ކަންބޮޑުުވާ ކަމެއް ކަމަށެވެ. އޭސީސީއާ ބައްދަލު ކުރެއްވީ، މި މަރުހަލާގައި އެކަން ހުއްޓުވަން މަސައްކަތް ކުރެވޭނެ އެއްފަރާތަކީ އޭސީސީއަށް ވާތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.