ރިޕޯޓް

ވިޔަފާރި ފަށަން ބޭނުން ހުރިހާ ސާމާނެއް ހޮޓެލް އޭޝިއާގައި!

ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. އާ ވިޔަފާރިތަކެއް އުފަން ވެއްޖެ އެވެ. މިއާއެކު "ލައިފް ސްޓައިލް" އެއްގެ ގޮތުގައި މިހާރު ފަތުއަޑު ކިޔާ ހުޅުވާތަން ފެނިގެން މި ދަނީ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނެވެ. ބޮޑެތި ރެސްޓޯރެންޓްތަކާއި ކުދި ކެފޭ އަދި ހިތް ގައިމު ބިސްޓްރޯތަކެވެ. ދެން އޮތީ، ރާއްޖޭގައި މިހާރު ކުރެވޭނެ އެންމެ ކާމިޔާބު އެއް ވިޔަފާރި ކަމަށްވާ ގެސްޓްހައުސް ހިންގުމެވެ. ނަމަވެސް، ކެފޭ އާއި ބިސްޓްރޯ ފަދަ ތަންތަން ހުޅުވާނަމަ ސަޅި، ތަށި ސަމުސާ ބޭނުންވާނެ އެވެ. ގެސްޓްހައުސްއެއް ހަދާނަމަ މިހާރު ބޭނުންވަނީ ތަފާތު ގޮތަކަށް ހުޅުވުމެވެ. ފަރުނީޗަރުގެ ބަދަލެކެވެ. ކޮޓަރިތަކުގެ ފަރުމާއަށް ތަފާތު ބަނޑިއެއް ލައްވައިލުމެވެ. އެކަމަށް ތަފާތު އާލާތްތައް ބޭނުންވާނެ އެވެ. ނަމަވެސް މި ދެ ވިޔަފާރި ފަށާ ފަރާތް ތަކަށް ވެސް ދިމާވާނެ އެއް މައްސަލައަކީ ރާއްޖެއިން މިތަކެތި ލިބެން ނެތުމެވެ. ނޫނީ ހުރިނަމަވެސް އެ ތަނެއް ނޭނގުމެވެ. އެހެންވެ، މިކަމަށް ހައްލު މި ގެނެސްދެނީ ބުދަ ދުވަހު ދަރުބާރުގޭގައި ފަށާ "ހޮޓެލް އޭޝިއާ" ފެއާއިންނެވެ. އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ގިނަ ސާމާނު މިފެއާގައި ޑިސްޕްލޭ ކުރާނެ ކަމަށް ފެއާ އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

"މިސާލަކަށް ބަޔަކު ބޭނުންވަނީ ރެސްޓޯރެންޓެއް ނޫނީ ބޭކަރީއެއް ހުޅުވަން. އެފަދަ ވިޔަފާރިއަކަށް ބޭނުން ވާނެ ހުރިހާ އާލާތެއް މި ފެއާ [ހޮޓެލް އޭޝިއާ] އިން ލިބޭނެ،" ހޮޓެލް އޭޝިއާ އިންތިޒާމު ކުރާ، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) ގެ ޖެނެރަލް މެނޭޖަރު ހުސެއިން ރައޫފު ވިދާޅުވި އެވެ.

2000 އަށްވުރެ ގިނަ މަރުކާ

މި މަހުގެ 10-12 އަށް ދަރުބާރުގޭގައި އޮންނަ މި ފެއާގައި 46 ގައުމަކުން 250 ކުންފުނި ބައިވެރިވެ އެވެ. ދުނިޔޭގެ ހަތަރު ބިތުގައި ލިބެން ހުރި އުފެއްދުންތައް މި މުއްދަތުގައި ދަރުބާރުގެ އިން ވެސް ލިބޭނެ އެވެ. މިގޮތުން މެދު ފަންތި އާއި އެންމެ މަތީ ފަންތީގެ އުފެއްދުންތަކާއެކު 2،000 އަށް ވުރެ ގިނަ މަރުކާގެ މިތަކުގައި ޑިސްޕްލޭ ކުރާނެ އެވެ. ދެން އޮތް ސުވާލަކީ ފެއާގައި ހުންނާނީ ކޮން ބާވަތް ތަކެއް ހެއްޔެވެ؟ ފެއާ އިން ބައްދަލު ވާނީ ކޮން ބަޔަކާ ހެއްޔެވެ؟

ހޮޓެލް އޭޝިއާއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފެއާ އެވެ. ބާއްވަމުން އަންނަތާ ސާދަ އަހަރުވީ މި ފެއާގެ ނަމަކީ ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް މިހާރު އެންމެ ފަރިތަ އެއް ނަމަށްވާނެކަން ޔަގީނެވެ. އެހެންވެ، މި އަހަރުގެ ފެއާ އަށް ރާއްޖޭގައި އޮޕަރޭޓް ކުރާ 100 ރިސޯޓުގެ އެންމެ އިސްވެރިންނާއި ރިސޯޓުތަކުގެ ވެރި، މަހުޖަނުން އަދި މެނޭޖަރުން ޒިޔާރަތް ކުރާނެ އެވެ. މިއީވެސް އޮތް ފުރުސަތެވެ.

ފެއާ އިންތިޒާމު ކުރާ މެކްސްގެ އިން ވާހަކަ ދެއްކެވި ރައޫފު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ އެންމެ މަޝްހޫރު ބްރޭންޑުތައް ފެއާގައި ބައިވެރިވާ ކަމަށެވެ.

"ފެއާގައި އެކި ރޭންޖްތައް ހުންނާނެ. ވިޔަފާރި ފަށަން ހޯދަން ޖެހޭ ސާމާނު ގަންނަން މިހާރު ރާއްޖޭން ބޭރަށް ދާކަށް ނުޖެހޭ. މި ފެއާގައި މިފަދަ ގިނަ ސާމާނު ފެންނަން ހުންނާނެ،" ރައޫފު ވިދާޅުވި އެވެ.

100،000 އަށްވުރެ ގިނަ އުފެއްދުން

މުޅި ދަރުބާރުގޭގެ ފަސް ހޯލު ފުރެންދެން ސްޓޯލް ޖަހައި ހުންނާނެ އެވެ. މި ތަނުން ކޮންމެ ސްޓޯލެއްގައިވެސް އެތަށް ސަތޭކަ އުފެއްދުމެއް ދައްކާލާނެ އެވެ. މިގޮތުން މުޅި ހޮޓެލް އޭޝިއާގައި ލައްކައަކަށް ވުރެ ގިނަ ސާމާނު ޑިސްޕްލޭ ކުރާނެ އެވެ. މީގެ ތެރޭގައި އައުޓްޑޯ ސާމާނާއި އިންޑޯގައި ބޭނުންކުރާ ސާމާނު ހިމެނޭއިރު، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް (އައިސީޓީ) ސާމާނު ވެސް ހިމެނެ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީގެ އާލާތްތައް ވެސް ފެންނާނެ އެވެ. މީގެ އިތުރުން މި ފެއާގައި ބޭކަރީ އާއި ރެސްޓޯރެންޓްތަކަށް ބޭނުން ކުރާ ކަޓްލަރީޒް ވެސް ލިބޭނެ އެވެ.

ރަހަ ބެލުން، އާ އުފެއްދުންތަކުގެ އީދެއް

މި އަހަރުގެ ފެއާގައި 160 ސްޓޯލް ހުންނާނެ އެވެ. މި ސްޓޯލްތަކުގެ ތެރެއިން ގިނަ ތަންތަނުގައި ކޮންމެ ދުވަހަކު ވެސް އާ އުފެއްދުމެއް ލޯންޗް ކުރާނެ އެވެ. އަދި ހޮޓެލް އޭޝިއާއަކީ ކެއްކުމާއި ރަހަ ދެއްކުމުގެ ވެސް "އީދެއް" ކަމަށް ބުނެވިދާނެ އެވެ. ކޮންމެ ދުހަކު ވެސް އެތަށް އާ އުފެއްދުމެއްގެ ރަހަ ދެއްކުން ކުރި އަށް ދާނެ އެވެ.

ހޮޓެލް އޭޝިއާގެ މެއިންސް ސްޕޮންސަރު، ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހު ހަސަން ވިދާޅުވީ މި އަހަރުގެ ފެއާގައި އެ ކުންފުނީގެ 72 ބްރޭންޑެއް ދައްކާލާއިރު، އާ އުފެއްދުންތައް ތައާރަފު ކުރުން ވެސް އޮންނާނެ ކަމަށެވެ.

"ފެއާގައި އަޅުގަނޑުމެން [ބީބީއެމް] އިން ވެސް ހަތަރު ބްރޭންޑެއް ލޯންޗް ކުރާނަން. އެއީ އެމެރިކާގެ ޑާވިންޗީ [ސިރަޕް] އެޕްލިކޭޝަންތައް ހެދޭ ގޮތަށް. ވެލިޝް ވެސް ލޯންޗް ކުރާނެ. އެންމެ ހާއްސަ އަނެއް އުފެއްދުމަކީ ޔޫރަޕިއަން ޗީޒް ރޭންޖު ވެސް ތައާރަފު ކުރެވޭނެ. ޑިއުލަސްކްސް އަކްސޮނަބަލް މެރިން ކޯޓިން [ކަނޑުއަޑީގައި އަޅާ ހޮޅީގައިލާ ކުލަ] ވެސް ލޯންޗް ކުރާނެ،" އަފްރާހު ވިދާޅުވި އެވެ.

ފެއާގައި ޕްރޮޑަކްޓްތައް ލޯންޗް ކުރުމުގެ އިތުރުން ވެސް "ސަޕްލައިޒް" އިނާމުތަކެއް ވެސް ދޭނެ އެވެ. މިއީ ވިޔަފާރީގެ ހާއްސަ ފެއާއަކަށްވުމުން އެންމެ ބޮޑު އުފަލެއް އޮތީ ވިޔަފާރިއަށް ލޯބި ކުރާ މީހުންނަށެވެ. ހާއްްސަކޮށް ޒުވާން ހިޔާލުތަކާއެކު ވިޔަފާރި އަށް ނުކުންނަ ފަރާތްތަކަށެވެ. ވިޔަފާރިއެއް ފަށަން ވިސްނަން ހެއްޔެވެ؟ އެހެންވީއްޔާ ފެއާއަށް ދާން އެބަ ޖެހެ އެވެ.