12 މެންބަރުންގެ މައްސަލަ

އަމީތުގެ ގޮނޑި ވެސް ސަލާމަތްވެއްޖެ

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑި ވެސް ގެއްލިފައިނުވާ ކަމަށް ސުޕްރީމް ކޯޓުން ދާދިދެންމެއަކު ހުކުމްކޮށްފި އެވެ. އެ ހުކުމް އިއްވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މެމްބަރު އަމީތުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕުރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން މައްސަލައެއް ބަލާ 29 މާޗު 2017 ގައި ޕާޓީން ވަކިކޮށްފައިވާ ކަން ސިޓީއަކުން އަމީތުއަށާއި، އިލެކްޝަންސް ކޮމިޝަނަށްވެސް ޕީޕީއެމްއިން އަންގާފައިވާކަމަށެވެ.

އެހުކުމުގައި އިތުރަށް ބުނެފައިވަނީ ސުލޫކީ ކޮމިޓީން އަމީތު ޕީޕީއެމްއިން ވަކި ކުރުމަށް ނިންމި ނިންމުން، އިސްތިއުނާފުކުރުމަށް ލިބޭ 15 ދުވަހުގެ ތެރޭގައި އަމީތުގެ ފަރާތުން އިސްތިއުނާފު ކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށާއި އެޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ސުލޫކީ ފިޔަވަޅެއް އިސްތިއުނާފު ކުރެވޭނީ ހަމައެކަނި އެ ފިޔަވަޅު އެޅި މެންބަރަކަށްކަން އެނގެން އޮންނަ ކަމަށެވެ.

މީގެ އިިތުރުން، ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކުރުމުން ވެސް އިލެކްޝަން ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފުތަރުން އަމީތުގެ ނަން އުނިކޮށްފައިނުވާތީ ނަން އުނިކޮށްދިނުމަށް 10 ޖުލައިގައި އަމީތު އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވާ، އަދި ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދި 11 ޖުލައިގައި ފޯމް ވެސް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަން އެނގެން އޮތް ކަމަށް ހުކުމްގައިވެ އެވެ.

އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީއިން ވަކިވާން އެދިއްޖެނަމަ އެކަން ކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށް އެ ހުކުމުގައި ވަނި ބަޔާންކޮށްފަ އެވެ. އަދި އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ އަމީތުގެ ހައްގަށް އުނިކަން އަންނަން ޖެހޭނެ ކަމެއް ނޫން ކަމަަށް ވެސް ހުކުމްގަައި ވަނީ ފާހަގަކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މަޑުއްވަރީ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ދައުލަތުގެ އިދާރަތަކަށް އެންގި އެންގުމާއި، ބައި އިލެކްޝަން ބޭއްވުމަށް ކުރި އިއުލާން ބާތިލްކޮށް، އެހުކުމުގައި ބުނެފައިވަނީ، މުހައްމަދު އަމީތު އަހުމަދު މަނިކް އަކީ އަދިވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމަށެވެ.

އަމީތާއެކު މިއަދު ސުޕުރީމް ކޯޓުން ވަނީ އިތުރު ތިން މެމްބަރެއްގެ މައްސަލަވެސް ނިންމާފަ އެވެ. އެގޮތުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފު މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މި ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ހުކުމްކޮށްފައިވާއިރު، ގޮނޑިގެއްލިފައިވާ ކަމަށް ބުނާ އިތުރު އަށް މެމްބަރެއްގެ މައްސަލަ ވެސް ސްޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އަދި އެ މައްސަލަތަކުގެ އަޑުއެހުންތައް ނުފަށަ އެވެ.