12 މެންބަރުންގެ މައްސަލަ

އަމީތު ސުޕްރީމް ކޯޓަށް: ހައްގުތައް ނިގުޅައިގަންނަން މަގު ފަހިވެފައި އޮވެގެން ނުވާނެ

ހައްގުތައް ނިގުޅައިގަންނަން މުއައްސަސާތަކަށް މަގު ފަހިވެފައި އޮވެގެން ނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަމީތު މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުވެވަޑައިގަތް، އަމީތުގެ ސުލޫކީ މައްސަލައެއް ބަލައި އޭނާ ޕީޕީއެމްއިން މިދިޔަ އަހަރުގެ ކުރީކޮޅު ޕާޓީއިން ވަކިކުރި އެވެ. ނަމަވެސް އެކަން ޕީޕީއެމްއިން އިލެކްޝަން ކޮމިޝަނަށް އަންގާފައެެއް ނުވެ އެވެ. އޭގެފަހުން އިތުރު ސުލޫކީ މައްސަލައެއް ބަލައި ޕީޕީއެމްއިން އަމީތު ވަކިކޮށްފައިވާކަން ކޮމިޝަނަށް އެންގި އެވެ.

އެހެން އެންގީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ނެރުމަށްފަހު އެވެ. އިލެކްޝަން ކޮމިޝަނުން އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަނީ އެ ހުކުމަށް ރިޔާއަތްކޮށެވެ. ނަމަވެސް އަމީތު ވަނީ އޭގެކުރިން އޭނާ އެ ޕާޓީން ވަކިކޮށްފައިވާ ކަމަށާއި ޕާޓީއިން ވަކިކޮށް ނުދީގެން އިލެކްޝަން ކޮމިޝަނަށް ވެސް ސިޓީ ފޮނުވިކަން ފާހަގަކުރައްވާފަ އެވެ. އެހެންވެ އޭނާގެ ގޮނޑި ގެއްލޭނެ ގޮތެއް ނޯންނާނެ ކަމަށް އަމީތު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލާގައި އިލެކްޝަން ކޮމިޝަންއާ ދެކޮޅަށް ދުސްތޫރީ މައްސަލަ އަމީތު ވެއްދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ މައްސަލާގެ ދިގު އަޑުއެހުންތަކެއް އޯގަސްޓް މަހު ކުރިއަށް ދިޔަ އެވެ. އަޑުއެހުންތައް ނިންމާލުމަށްފަހު ދެން އޮންނާނީ ހުކުމް ކަމަށް ވެސް އިއުލާންކުރި އެވެ. ނަމަވެސް އޭގެފަހުން ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ އަމީތު އަދި އޭނާއާއެކު މައްސަލަ ކޯޓަށް ހުށަހެޅުއްވި އަނެއް ތިން މެންބަރުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުގެ މަތިން މިއަދު ހެނދުނު ވަނީ އަމީތުގެ މައްސަލާގެ އަޑުއެހުމެއް ބާއްވާފަ އެވެ. ސުޕްރީމް ކޯޓުގެ އާ ބެންޗުން ބައްލަވާ އެ މައްސަލާގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަޑުއެހުމަކީ ބެންޗް ބަދަލުވެފައިވާތީ އިޖުރާއަތު ފުރިހަމަކުރަން ބާއްވާ އަޑުއެހުމެއް ކަމަށެވެ. މީގެކުރިން މައްސަލާގައި ދައްކާފައިވާ ހުރިހާ ވާހަކައަކަށް ހުކުމް ކުރުމުގައި ރިޔާއަތް ކުރައްވާނެ ކަމަށެވެ. އެހެންވެ، އިތުރު ވާހަކައެއް ދައްކަން އޮތްނަމަ އެކަމަށް ފުރުސަތު ދެއްވި އެވެ.

އަމީތުގެ ވަކީލުންނާއި އިލެކްޝަން ކޮމިޝަން އަދި ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ގާނޫނީ އިތުރު ވާހަކަތަކެއް ދައްކަވާފައެއް ނުވެ އެވެ. ނަމަވެސް މައްސަލާގެ ހުކުމް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވައި އަމީތު ވާހަކަ ދެއްކެވި އެވެ.

އަމީތު ވިދާޅުވީ މައްސަލާގައި ސާފު ގޮތެއް ސުޕްރީމް ކޯޓުން ނިންމާފައިނުވާތީ އޭނާ އާއި އޭނާގެ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. ދާއިރާގެ އަޑެއް މަޖިލީހުގެ ތެރޭގައި ނީވި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކުރީގައި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވި އަމީތު ވިދާޅުވި ގޮތުގައި މައްސަލައާ ގުޅިގެން މީގެކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކުން ވެެސް އޭނާގެ ގޮނޑި ނުގެއްލޭކަން އޭނާއަށް ސާފުވާ ކަމަށެވެ. މިހާރު މަޖިލީހުގެ ޖަލްސާއެއް ބޭއްވިޔަސް އެ ޖަލްސާއެއްގައި ބައިވެރިވާން އޭނާ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މައްސަލައަކީ ސިފައިންނާއި ފުލުހުންނާ ހުރަސް އަޅާތީ ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ގެންދަނީ މެންބަރުންނާއި ދާއިރާތަކުގެ ރައްޔިތުންގެ ހައްގަށް ވަރަށް ބޮޑަށް ސިޔާސީ ބޭނުމެއްގައި އަރައިގަންނަމުން ކަމަށެވެ. އެގޮތަށް މީހުންގެ ހައްގަށް އަރައިގަނެވޭ ގޮތަށް ކަންކަން ފަހިވެފައި އޮވެގެން ނުވާނެ ކަމަށް އަމީތު ވިދާޅުވި އެވެ. އެހެންވެ މައްސަލާގައި ވީއެންމެ އަވަހަކަށް ހުކުމެއް އިއްވައިދިނުމަށް އަމީތު އެދިވަޑައިގަތެވެ.