12 މެންބަރުންގެ މައްސަލަ

ހުކުމް ލަސްވުމުން ލިބެނީ އަގު ނުކުރެވޭ ގެއްލުމެއް: ލަތީފު

މެންބަރުކަމާމެދު އުފެދިފައިވާ ދެބަސްވުމާ ގުޅިގެން ސުޕްރީމް ކޯޓުން ހުކުމެއް ކުރުން ލަސްކޮށްފައިވުމަކީ އަގު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް އޭނާއަށާއި ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ކަމެއް ކަމަށް އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އަބްދުލްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިއްދޫ ދާއިރާއަށް އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގަތް، ލަތީފް ވަނީ މީގެކުރިން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭގެފަހުން އެ ޕާޓީގެ ލީޑަޝިޕާ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އޭނާ ވަނީ ޕާޓީން ވަކިވާން ނިންމާފަ އެވެ. ނަމަވެސް އޭނާ އެދުނު ގޮތަށް ޕާޓީއިން ވަކިކޮށްނުދީ، ސުލޫކީ މައްސަލައެއް ބަލައި ޕީޕީއެމްއިން ލަތީފް ވަކިކޮށްފައިވާކަން އެންގި އެވެ.

އެހެން އެންގީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ނެރުމަށްފަހު އެވެ. އިލެކްޝަން ކޮމިޝަނުން ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަނީ އެ ހުކުމަށް ރިޔާއަތްކޮށެވެ. ނަމަވެސް ލަތީފްގެ ފަރާތުން ވަނީ އެ ހުކުމްގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ އަމަލުކުރާނެ ގޮތް ނެތްކަން ފާހަގަކޮށް، އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލާގައި އިލެކްޝަން ކޮމިޝަންއާ ދެކޮޅަށް ދުސްތޫރީ މައްސަލަ ލަތީފް ވެއްދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ މައްސަލާގެ ދިގު އަޑުއެހުންތަކެއް އޯގަސްޓް މަހު ކުރިއަށް ދިޔަ އެވެ. އަޑުއެހުންތައް ނިންމާލުމަށްފަހު ދެން އޮންނާނީ ހުކުމް ކަމަށް ވެސް އިއުލާންކުރި އެވެ. ނަމަވެސް އޭގެފަހުން ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ސައުދު އަދި އޭނާއާއެކު މައްސަލަ ކޯޓަށް ހުށަހެޅުއްވި އަނެއް ތިން މެންބަރުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުގެ މަތިން މިއަދު ހެނދުނު ވަނީ ލަތީފްގެ މައްސަލާގައި އަޑުއެހުމެއް ބާއްވާފަ އެވެ. ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަކުރަން ބާއްވާ އަޑުއެހުމެއް ކަމަށެވެ. މީގެކުރިން މައްސަލާގައި ދައްކާފައިވާ ހުރިހާ ވާހަކައަކަށް ހުކުމް ކުރުމުގައި ރިޔާއަތް ކުރައްވާނެ ކަމަށެވެ. އެހެންވެ، އިތުރު ވާހަކައެއް ދައްކަން އޮތްނަމަ އެކަމަށް ފުރުސަތު ދެއްވި އެވެ.

ލަތީފްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، މައްސަލާގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ވަކިވަކި މުއައްސަސާތަކަށް ކޯޓުގައި ތަމްސީލް ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އިލެކްޝަން ކޮމިޝަންގެ ވަކީލުން ވެސް މިއަދުގެ އަޑުއެހުމަށް ވަޑައިގަތެވެ. ކޮމިޝަންގެ ވަކީލް އަބްދުﷲ ރިފްއަތު ވެސް ވިދާޅުވީ އިތުރަށް ފާހަގަކުރާނެ ވާހަކައެއް ނެތް ކަމަށާއި އެދެނީ މައްސަލާގައި ލަތީފްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ހުކުމެއް ނެރެދިނުން ކަމަށެވެ. ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މައާޝާ ލުތުފީ ވެސް ވިދާޅުވީ އިތުރަށް ފާހަގަކުރާނެ ކަމެއް ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ލަތީފް ވަނީ ވާހަކަ ދައްކަވާފަ އެވެ. ލަތީފް ވިދާޅުވީ މައްސަލާގައި ހުކުމް ލަސްވެފައިވުމަކީ ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި ކެނޑި، އެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް އަގު ނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

ދިއްދޫގެ މަޝްރޫއުތައް ހުސްވެ، ހުއްޓިފައިވާ ކަމަށާއި އެކަންކަމުގައި މަޖިލީހުގައި އަޑު އުފުލާނެ ގޮތެއް ނެތް ކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ އެކަމަކީ އޭނާއަށް ވެސް ބޮޑު ދެރައަކާއި ހިތާމައެއް ލިބޭ ކަމެއް ކަމަށެވެ. އެހެންވެ އެ ގެއްލުމުން ސަލާމަތް ކުރުމަށް މައްސަލާގައި ވީއެންމެ އަވަހަކަށް ހުކުމެއް ނެރެދެއްވުމަށް އެދޭ ކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި ވަރަށް އަވަހަށް ގޮތް ނިމިގެންދާ ކަމަށާއި އެހެން ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ދިގުލައިގެން ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އުއްމީދަކީ ސަރުކާރުން ހުށަހަޅާ މައްސަލަތަކުގެ ހުކުމް ނެރޭހާ އަވަހަށް އެހެން ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ވެސް ހުކުމް ނެރެގެން ދިޔުން ކަމަށެވެ.