12 މެންބަރުންގެ މައްސަލަ

ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލާގައި މާދަމާ ހުކުމް ކުރަނީ

ރައޔްިތުންގެ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލާގައި މާދަމާ ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ނިންމައިފި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ މައްސަލަ ކޯޓުގެ ޝެޑިއުލްގައި އަދި ހިމަނާފައެއް ނުވެ އެވެ. އެކަމަކު، މެންބަރުންނަށް މިހާރު ވަނީ ޗިޓް ފޮނުވާފަ އެވެ.

އަމީތު ވިދާޅުވީ، މިއަދު ހަތަރު މެންބަރުން ވެސް ބަޔާންތަކުގައި ސޮއި ކުރައްވާފައިވާ ކަމަށެވެ. އަދި މާދަމާއަށް ހަތަރު މެންބަރުންނަށް ވެސް ޗިޓް މިހާރު ލިބިފައިވާ ކަމަށެވެ. ހެނދުނު 9:45 ގައި ވަހީދުގެ މައްސަލަ ތާވަލުކޮށްފައިވާއިރު 10:45 ގައި ސައުދުގެ މައްސަލަ ވަނީ ތާވަލުކޮށްފަ އެވެ. ލަތީފްގެ މައްސަލަ 12:45 ގައި ތާވަލުކޮށްފައިވާއިރު އަމީތުގެ މައްސަލަ ތާވަލުކޮށްފައިވަނީ މެންދުރުފަހު 1:45 އަކަށެވެ.

އެ ހަތަރު މެންބަރުންގެ ގޮޮނޑި އިލެކްޝަން ކޮމިޝަނުން ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ ހަތަރު ބޭފުޅުން ވަކިވަކިން އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ދިގު އަޑުއެހުންތަކެއް ސުޕްރީމް ކޯޓްގައި ކުރިއަށް ދިޔަ އެވެ. ހަތަރު ބޭފުޅުންގެ ފަރާތުން ވަކީލުން ޓީމުތައް ސުޕްރީމް ކޯޓަށް ވަޑައިގެން އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމުގެ ގާނޫނީ ސަބަބުތައް ބަޔާންކުރި އެވެ.

ހަމައެހެން، އިލެކްޝަން ކޮމިޝަން ތަމްސީލް ކުރަމުންދިޔަ ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ގެންދެވެނީ ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ވިދާޅުވަމުންނެވެ. ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ބުނަނީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިޔާއަތްކޮށެވެ.

އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ހަތަރު ބޭފުޅުން ވެސް ޕީޕީއެމްއިން ވަކިވާން އަމިއްލައަށް ސިޓީ ހުށަހެޅުއްވި އެވެ. އެއީ އެ ހުކުމްގެ ކުރިންނެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމްއިން ސިޓީ އިލެކްޝަން ކޮމިޝަނަށް ފޮނުވީ ހުކުމުގެ ފަހުންނެވެ.

އެ ހަތަރު މައްސަލާގެ އަޑުއެހުންތައް ނިންމާލައި ހުކުމަށް ތައްޔާރުވެފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހަތަރު ބޭފުޅުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުގެ މަތިން މިދިޔަ ހަފުތާ ހަތަރު މެންބަރުންގެ މައްސަލާގައި ވެސް އަޑުއެހުންތައް ބޭއްވި އެވެ. އެ އަޑުއެހުންތަކަކީ މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައިސްފައިިވާތީ އިޖުރާއު ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުންތަކެކެވެ. އާ ގާނޫނީ ވާހަކަތެއް އެއްވެސް ފަރާތަކުން ފާހަގަކޮށްފައެއް ނުވެ އެވެ. އެ އަޑުއެހުންތައް ނިންމާލަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ދެން އޮންނާނީ މައްސަލާގައި ހުކުމް އިއްވުން ކަމަށެވެ.

މީގެކުރިން މި މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުންނެވެ. އެއީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ބެންޗެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަކިކޮށް މިހާރު ބެންޗަށް ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރައްވާފަ އެވެ.

އެ އަޑުއެހުންތައް ނިންމާލާފައިވަނިކޮށް އިލެކްޝަން ކޮމިޝަނުން ވަނީ އެ ކޮމިޝަނުން އިއުލާންކޮށްފައިވާ ބައި އިލެކްޝަންތައް ބާތިލްކޮށް މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ނިންމާފަ އެވެ. ނަމަވެސް ކޮމިޝަންގެ އެ ނިންމުން ސުޕްރީމް ކޯޓުގެ އަމުރަކުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލާގައި ގޮތް ނިންމޭނީ ހަމައެކަނި ސުޕްރީމް ކޯޓަށްކަން ބަޔާންކޮށްފަ އެވެ.