ހަބަރު

މުޅިން އަލަށް ތިން ސަރަހައްދެއް ހިމާޔަތްކޮށްފި

Oct 8, 2018
3

ގދ. ދިގުލާބަދޫ އާއި ށ ފަރުކޮޅުގެ އަދި ރަސްދޫ މަޑިވަރު ސަރަހައްދަކީ ގާނޫނުން ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ތިން ސަރަހައްދު ހިމާޔަތްކޮށްފައިވަނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތުން މި ތިން ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދުތަކެއް ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

ހިމާޔަތްކޮށްފައިވާ ގދ ދިގު ލާބަދޫއަށް ބަލާއިރު އެރަށަކީ ރަށުގެ ބައްޓަން ހުންނަ ގޮތުން ކޮއްލަވާންޏެއް ގޮތަށް އުފެދިފައިވާ ރަށެކެވެ. އަދި މިއީ ރާއްޖޭގެ ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދިވެފައިވާ ވަރަށް ރީތި ރަށެވެ. މި ރަށުގެ ބައްޓަމުގެ ސަބަބުން މިރަށުގެ ފަޅުތެރެއަށް ހުޅުވިފައިވާ ކޯރު ނުވަތަ އިނގިރޭސި ބަހުން "ބޭ އޭރިޔާ" އަކީ ހުޅަނގު މޫސުމުގައި އުފެދޭ ބާނީ ތަކުންނާއި ރާޅުން ރައްކާތެރިވެފައިވާ ވެއްޓެކެވެ. އެހެންކަމުން މި ބޭއޭރިޔާއަކީ މިޔަރާއި، މަޑިއާއި ވަރަށް ގިނަ ފަރުގެ ދިރުންތައް ވިހައި އާލާވާ ސަރަހައްދެކެވެ. މީގެ އިތުރުން މިރަށުގެ ބޮޑުބަޔަކީ ކުޅިއާއި ޗަސްބިމުގެ މާހައުލުން މުއްސަނދި ވެފައިވާ ތަންތަނެވެ. މި ރަށުގެ އެންމެ މުހިއްމު އެއް ސަރަހައްދުކަމަށްވާ ފިނިހަކަކުޅި ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ދޫނި އަދި ގިނަ ބާވަތްތަކެއްގެ މަސްތައް ބިސްއަޅާ އާލާވާ ތަންތަނެވެ. މީގެ އިތުރުންވެސް ދިގު ލާބަދޫ އަކީ ފިޔޯރީއާއި ފަރެސްމާތޮޑާ ރައްޔިތުންގެ ދިރިއުޅުމާއި ސަގާފަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ވެސްމެ އެވެ.

މީގެ ކުރިން އެއާޕޯޓަށް އަޅަން ދިން، ށ ފަރުކޮޅަކީ ވެސް މިފަދަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ހާއްސަކޮށް ޗަސްބިމާއި ކުޅި ގިނަ އަދަދަކަށް އޮންނަ ރަށެކެވެ. މި ދެރަށުގެ އިތުރުން ދެން ހިމާޔަތްކޮށްފައިވަނީ ޑައިވިން ސައިޓެކެވެ. ރަސްދޫ މަޑިވަރަކީ އެކި ނަސްލުތަކުގެ ދިރުންތައް ގިނައަދަދަކަށް އުޅޭ ބައިނަލްއަގުވާމީ ގޮތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ. މިސަރަހައްދުގެ އެންމެ ހާއްސަ ސިފައަކީ ކާލިގަނޑު މިޔަރެވެ.

މި ސަރަހައްދުތައް ގާނޫނުގެ ދަށުން ހިމާޔަތް ކުރުމާ އެކު މިތަންތަނަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަންތައްތައް ކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އެވެ.