ބޮލީވުޑް

ހިންދީ ފިލްމަކަށް ވިލް ސްމިތު ލަވައެއް ކުޅެފި

އެމެރިކާގެ އެކްޓަރު އަދި ރެޕާ ވިލް ސްމިތު މި ވަގުތު ހުރީ ހިންދުސްތަން ޓައިމްސް ލީޑާޝިޕް ސަމިޓުގައި ބައިވެރިވުމަށް އިންޑިއާގައި އެވެ. އެ ސަމިޓުގައި ވިލް ވަނީ ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަޚްތަރުއާ ބައްދަލުކޮށް އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ ބެހޭގޮތުން އެކި ވާހަކަތައް ދައްކާފަ އެވެ.

އެ ވާހަކަތަކަށްފަހު ވިލް ވަނީ ހިންދީ ފިލްމުތަކުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އައިޝްވާރިޔާ ރާއީ ބައްޗަންއާ އެކީގައި ފިލްމެއް ކުޅެލުމަށް ބޭނުންވާ ކަމަށްވެސް ބުންޏެވެ. ވިލް ވަނީ ކަރަން ޖޯހަރްގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ ސެޓަށްވެސް ގޮސްފަ އެވެ.

ހިންދީ ފިލްމެއްގައި ފެނިގެންދިއުމުގެ އުއްމީދުގައި ހުރި "މޭ އިން ބްލެކް" ގެ ތަރި ވިލްއަށް އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީވެސް ކަރަން އެވެ. ބޮލީވުޑް ލައިފް އިން ރިޕޯޓުކުރި ގޮތުގައި ކަރަންގެ ކުރިއަށް އޮތް ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" ގެ ލަވައަކަށް ވިލް މިހާރު ވަނީ ޝޫޓުކޮށްފަ އެވެ.

އެ ލަވައިގެ ޝޫޓިން ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯތައް ވިލް ވަނީ އޭނާގެ އިންސްޓަގުރާމްގައި ހިއްސާކޮށްފައި އެވެ. އަދި އެ ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ކަމުގައިވާ ޓައިގާ ޝްރޮފްއާއި އަނަންޔާ ޕާންޑޭ އަދި ތާރާ ސުތާރިއާވެސް ވަނީ ވިލްއާއެކު ނަގާފައިވާ ފޮޓޯތައް އިންސްޓަގުރާމްގައި ހިއްސާކޮށްފައި އެވެ.